ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ދާއިމީ އިތުރު މިސްކިތެއް އަންނަ ހުކުރު ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދެ ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތުގައި 1،500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހު ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ދެ ބުރިއަށް ހަދާފައިވާ މަސްޖިދު ހަސަން އާދަމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެދޮރުގެ ސާމާނު ވިއްކާ މުނި އެންޓަޕްރައިސަސްގެ ހަދިޔާއެކެވެ. މި މިސްކިތް އިމާރާތްކުރީ އެ ކުންފުނީގެ ދެ ޑިރެކްޓަރުން ކަމަށް މުޚުތާރު ހަސަން އާއި ނިޒާރު ހަސަންގެ ބައްޕާފުޅުގެ ހަނދާނުގަ އެވެ.

ދެވަނަ ފިޔަވަހީގައި 2022 ވަނަ އަހަރު އިމާރާތްކުރަން ފެށި މި މިސްކިތަކީ މުޅިން އޭސީކޮށްފައިވާ މިސްކިތެކެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި މުނި އެންޓަ ޕްރައިސަސް އިން ހުޅުމާލޭގެ ފޭސް ދޭއްގައި އަލަށް އިމާރާތް ކުރި ހިތްގައިމު ރީތި މިސްކިތުގެ މިމްބަރު. އަންނަ ހުކުރު ދުވަހު އެ މިސްކިތް ހުޅުވަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައި ވަނީ 2021 ވަނަ އަހަރު އެވެ.