ސީބީއެސް އިން މިހާރު ދުރަށް ދައްކާ "ޔަންގް ޝެލްޑަން"ގެ ހަތްވަނަ އަދި އެންމެ ފަހު ސީޒަންގެ ފިނާލޭގައި އެ ސީރީޒްގެ އޮރިޖިނަލް ސީރީޒް "ބިންގް ބޭންގް ތިއަރީ"އިން ފެނިގެންދިޔަ "އަސްލު" ޝެލްޑަންގެ ފެނިލުމެއް ފެންނާނެ އެވެ.

އަންނަ މެއި މަހުގެ 16 ވަނަ ދުވަހު ދުރަށް ދައްކަން ހަމަޖެހިފައިވާ އެ ފިނާލޭގައި "ބިންގް ބޭންގް ތިއަރީ"ގެ ލީޑު ރޯލުން ފެނިގެންދިޔަ ޖިމް ޕާސަންސް (ޝެލްޑަން) އަދި މަޔިމް ބަލިކް (އޭމީ) ފެނިގެންދާނެ އެވެ.

މިއީ މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު "ބިންގް ބޭންގް ތިއަރީ" ނިންމާލި ފަހުން މި ދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

"ޔަންގް ޝެލްޑަން"އަކީ 2019-2007 އަށް ކުރިއަށް ދިޔަ "ބިންގް ބޭންގް ތިއަރީ"ގެ ޕްރީކުއަލް އެކެވެ. އެ ސީރީޒްގައި ފެނިގެންދަނީ "ބިންގް ބޭންގް ތިއަރީ"ގެ ލީޑު ކެރެކްޓަރު ޝެލްޑަންގެ ޅަފަތުގެ ހަޔާތެވެ.

ޔަންގް ޝެލްޑަން ނިމުމަކާ ހަމައަށް އައިސްފައިވާއިރު އެ ޝޯގެ އިތުރު ސްޕިންއޮފް އެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި ނަމެއް ދީފައިނުވާ އެ ސީރީޒް ބިނާވާނީ ޝެލްޑަންގެ ބޭބެ ޖޯޖީ ކޫޕާގެ ހަޔާތުގެ މައްޗަށެވެ.

ޔަންގް ޝެލްޑަންގެ ހަތްވަނަ ސީޒަން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 05:35 ގައި މީޑިއާނެޓްގެ ޗެނަލް 818 އިން ދުރަށް ދައްކާނެ އެވެ.