ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު މިސްކިތް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ދެ ބުރިއަށް ހަދާފައިވާ "މަސްޖިދު ހަސަން އާދަމް" އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެދޮރުގެ ސާމާނު ވިއްކާ މުނި އެންޓަޕްރައިސަސްގެ ހަދިޔާއެކެވެ. މި މިސްކިތް އިމާރާތްކުރީ އެ ކުންފުނީގެ ދެ ޑިރެކްޓަރުން ކަމަށް މުޚުތާރު ހަސަން އާއި ނިޒާރު ހަސަންގެ ބައްޕާފުޅުގެ ހަނދާނުގަ އެވެ.

ދެވަނަ ފިޔަވަހީގައި 2022 ވަނަ އަހަރު އިމާރާތްކުރަން ފެށި މި މިސްކިތަކީ މުޅިން އޭސީކޮށްފައިވާ މިސްކިތެކެވެ.

ނިރޮޅުމަގުގައި ހުންނަ އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މުނި އެންޓަޕްރައިސަސް އިން ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހުޅުވައިދެއްވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތަކީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ މިސްކިތަކަށް ވާތީ އާއި ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވޭ ވަރަށް ހުރިހާ ކަމެއް ހަމަޖައްސައިދިނީ ތީވެ މިނިސްޓަރު ޝަހީމް ވަނީ މުނި އެންޓަޕްރައިސަސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝަހީމް ވިދާޅުވީ "މަސްޖިދު ހަސަން އާދަމް"ގެ ނަމުގައި ހުޅުވި މި މިސްކިތާ ގުޅިގެން ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.

މުނި އެންޓަޕްރައިސަސް އިން ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތުގައި ކުރި މިއަދު ހުކުރު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މި މިސްކިތަކީ ބަލައިލުމުން ވެސް އަގުބޮޑުކޮށް ބިނާކޮށްފައި މިސްކިތެއްކަން އެނގޭނެ. ދުއާއަކީ މިސްކިތް ބިނާ ކުރެއްވި ފަރާތުގެ މުދަލުގައި ބަރަކާތް ލެއްވުން." ޝަހީމް ވިދާޅުވި އެވެ.

މިއީ 1،500 މީހުންނަށް އެއް ފަހަރާ ނަމާދުކުރުމުގެ ޖާގަ އޮތް ދެ ފަންގިފިލާ ހިމެނޭ މިސްކިތެކެވެ. މިއަދު ހުކުރު ނަމާދަށް އެ މިސްކިތުގެ ދެ ފްލޯ އާއި ގޯތި ތެރެ ވެސް އޮތީ ފުރިފަ އެވެ.

މުނި އެންޓަޕްރައިސަސް އިން ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތުގައި ކުރި މިއަދު ހުކުރު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ދާއިމީ މިސްކިތަކީ ދެވަނަ ފިޔަވަހީގައި ހުޅުވި ދެވަނަ ދާއިމީ މިސްކިތެވެ.