ރޯދަމަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން އެސްޓީއޯއިން ލުނބޯ އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާ އަށް ވިއްކާއިރު 25 ކިލޯގެ ލުނބޯ ބަސްތާއެއް ހޯލްސޭލްކޮށް ވިއްކަނީ 1،175 ރުފިޔާ އަށެވެ.

ލުނބޯ ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފައި މިވަނީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

އެސްޓީއޯ އިން ބުނީ ލުނބޯ ގަންނަން ލިބޭނީ މާލެ ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންނާއި މާލޭގެ ސިނާއީ ސަރަހައްދުގައި ހުންނަ އެސްޓީއޯ ސެންޓަރުން ކަމަށެވެ.

މީގެކުރިން އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވެފައި ވަނިކޮށް ރާއްޖެއަށް ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ. އެސްޓީއޯ އިން ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 17 ރުފިޔާ އަށެވެ.

އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް އާންމުކޮށް ބޭނުންކުރާ ތަކެތި އަގުހެޔޮކޮށް ވިއްކަން ފަށާފައިމިވަނީ ބާޒާރުގައި އެތަކެތީގެ އަގު އުފުލިފައިވާ ވަގުތެއްގަ އެވެ.