މިފެށުނީ މިއަހަރުގެ އެންމެ އުފާވެރި އަދި ބަރަކާތުން ފުރިގެންވާ މައްސަރެވެ. މުސްލިމުން އިންތިޒާރު ކުރަމުން އައި އުފާވެރި ރަމަޟާން މަހެވެ. މި މަހުގައި ކެއުން ބުއިމުގެ އާދަތަކަށް ބޮޑު ބަދަލުތަކެއް ގެނުވަ އެވެ. ރޭގަނޑު ސުފުރާމަތީ އަތުރާލެވޭ ކާތަކެއްޗަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅައިދޭ ތަކެތި ކަމަށް ވާތީ، ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ކަމުގައި އެކާތަކެތި ހެދުމަކީ މިފަދަ މައްސަރެއްގައި ވަރަށް އިސްކަމެއް ދޭންވާނެ ކަމެކެވެ.

މާބަނޑު މީހުންނަށާއި ބަލި މީހުންނަށް ޑރ. ސައުދިޔާގެ ޚާއްސަ އިރުޝާދެއް

ކެންޔާގެ ރުއިރު ލެވެލް 4 ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޚާއްސަ ލެޕަރޯސްކޯޕިކް އަދި ހިސްޓެރެސްކޯޕިކް ސާޖަން އަދި ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ، ސައުދިޔާ މުހައްމަދު ލަފާދެއްވާ ގޮތުގައި މާބަނޑު އަންހެނުންނާ ގާތުން ކިރުދޭ މައިމީހާ އާއި އަދި ހަކުރު ބަލީގެ މީހުން ރޯދައަށް ހުންނައިރު އެއްވެސް ވަރަކަށް ބޯއަނބުރާ ހަށިގަނޑުގެ ބާރު ދެރަވާހެން ހީވާނަމަ ރޯދަ ދޫކޮށްލުމަކީ އެންމެ އެދެވިގެން ވާކަމެވެ. އަދި އަރާމުކުރުމާއެކު އަވަހަށް ދިޔާ އެއްޗެއް ބޭނުން ކުރަންވާނެ އެވެ.

"މާބަނޑު ދުވަސްވަރު ދުވާލުގަޑީގައި އެއްވެސް ބޭހެއް ބޭނުންކުރަން ޖެހޭ ނަމަ ރޯދައަށް ހުރުން ރަނގަޅު ނޫން ކަމަށް އެހެން ޑޮކްޓަރުން ވެސް ލަފާދެއްވާ. ބަލި ނޫން ނަމަ ރޯދަ ހިފުމަކީ މައްސަލައެއް ނޫން. އެހެން ނަމަވެސް ދެ ދުވަހުން އެއްދުވަހު ރޯދައަށް ހުރުމަށް އަޅުގަނޑު ބުނާނީ..." ޑރ. ސައުދިއާ ވިދާޅުވި އެވެ.

ރޯދަ މަހު މާބަނޑު މީހުން ކެއުން ބުއިމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ.

ރޯދައަށް ހުންނަ ވަގުތު ކާން ޖެހޭ ބޭހެއް ނަމަ، އެ ބޭސް، އެވަގުތު ނުކައި ދޫކޮށް ލަންވާނީ އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާޔާ މަޝްވަރާގެ މަތީންނެވެ. ބަލި ބޮޑުވާ ނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުން ވެސް ވަރަށް މުހިންމު ކަމަށް ޑރ. ސައުދިޔާ ލަފާދެއްވަ އެވެ.

މިއީ ހޫނު ދުވަސް ވަރެއް، ސަމާލުވޭ!

މިއީ ވަރަށް ހޫނު ދުވަސްވަރަކަށް ވުމުން ހަށިގަނޑުން ފެން ހުސްވިޔަނުދިނުމަށްޓަކައި ރޯދަވީއްލުމުގައި ފުރަތަމަ ފެންތައްޓަކުން ފެށުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ކާން ފެށުމުން ފެން ބޯން ހަނދާންނެތުމުގެ ފުރުސަތު އޮންނާތީ އެވެ. އަދި ރޭގަޑުގެ ވަގުތުތަކުގައި ފެން ނުބޮވި ކަމުގައި ވިޔަސް އިރުއިރުކޮޅާ ފެންބުއިމަކީ ހަށިގަނޑުން ފެންހުސްވުމަށް ހުރަސްއަޅާ އަދި އޭގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް އޮތް ވަރަށް ބޮޑު ހައްލެކެވެ.

ވޯޓާ އިންޓޮކްސިކޭޝަނުން ސަލާމަތްވުން މުހިންމު

އެއްފަހަރާ މާގިނައިން ފެންބުއިމަކީ ވެސް ގެއްލުންހުރި ކަމެކެވެ. ފެން ބޯންވާނީ އެކި ފަހަރު މަތިންނެވެ. އެއްފަހަރާ މާގިނައިން ފެން ބޮއެފި ނަމަ، ވޯޓާ އިންޓޮކްސިކޭޝަން އޭ ކިޔާ ނުރައްކާތެރި ހާލަތެއް މެދުވެރިވެ އެވެ. ވޯޓާ އިންޓޮކްސިކޭޝަން ނުވަތަ ވޯޓާ ޕޮއިޒަނިންއަކީ ހަށިގަނޑުގައިވާ ލޮނުގެ ބެލެންސް ގެއްލުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުމަކަށް ކިޔާ ނަމެކެވެ.

ފައިދާހުރި ކާނާގެ ބާވަތްތައް ގިނައިން ބޭނުންކުރުން މުހިންމު

ހަށިގަނޑުގެ ގުނަވަންތަކުގެ ފުރިހަމަ މަސައްކަތަށް ބޭނުންވާ ކާނާ ލިއްބައިދިނުމަށް ޓަކައި އެއްވައްތަރުގެ ކާނާ ބޭނުންކުރުމުގެ ބަދަލުގައި ތަފާތު ކާނާ ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އޭގެ ތެރޭގައި ތަރުކާރީ، މޭވާ، ހަށިގަނޑު ބޮޑުކޮށްދޭ ކާނާ އާއި ހަކަތަ ލިއްބައިދޭ ކާނާ ހިމެނެ އެވެ. ތެލުގެ ތެރޭގައި އޮލިވް އޮއިލް އަދި ބަދަނުގެ ބާވަތެވެ. މީގެ ބޭނުމަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ފައިދާހުރި ނިއުޓިއަންޓްސް ފޯރުކޮށްދިނުމެވެ.

ފުރަތަމަ 20 މިނެޓް ތެރޭގައި ކާނީ ބަލައިގެން މަދުން

ރޯދަވީއްލާ ގަޑީގައި މާގިނައިން ކެއުމުން ހަށިގަނޑަށް ބަރުކަމާ ކަންނެތްކަށް ވެރިކުރުވަ އެވެ. ހަށިގަނޑަށް އެތެރެވީ މިންވަރު ފުދޭކަމަށް ކަމަށް ސިކުނޑިއަށް އަންގަން 20 މިނިޓް ނަގަ އެވެ. އެ 20 މިނިޓްގެ ތެރޭގައި އެއްފަހަރާ ގިނައިން ނުކެއުމަށް ސަމާލުކަން ދޭންވާނެ އެވެ. މަދުން ކެއުމުން ހަށިގަނޑަށް ކުރާ ބާރު ކުޑަކުރެ އެވެ. އަދި ވަރުބަލިކަމާ ލޮޑުކަމުން ދުރުވެވި އަޅުކަމުގައި ހީވާގިވެ އެވެ.

ހަރަކާތްތެރިވެ އުޅުން ވަރަށް މުހިންމު

ރޯދަމަހު ރޭގަނޑު ކޮންމެ ވެސް ކަހަލަ ކަސްރަތެއް ކުރުމަކީ ދުވާލުގެ މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެކެވެ. ބާރެކެވެ. ދުވާލު ކަސްރަތު ކުރުމަކީ ހަށިގަނޑުން ފެންމަދުވެ، ސިއްޚީ މައްސަލައެއް ދިމާވެދާނެ ކަމެކެވެ. އެހެންކަމުން ލުއި ކަސްރަތެއް ނަމަވެސް ކޮށްލުމަކީ ހަށިގަނޑަށް ލިބިދެވޭ ވަރަށް ބޮޑު ފައިދާއެކެވެ. އެގޮތުން ކުރެވިދާނެ ލުއި ކަސްރަތެއްގެ ތެރޭގައި ހިނގުން، މަޑުން ދުވުން އަދި މޫދު ކަސްރަތު ހިމެނެ އެވެ.

ހާރުގައި ހިމެނިދާނެ ފައިދާހުރި ބައެއް ކާނާތައް

ހާރަށް ކާ ކާނާއަކީ ބެލެންސްޑް ކެއުމެއް ނަމަ، ހަށިގަނޑުގެ ހަކުރު ވަކި ކޮންޓްރޯލެއްގެ ތެރޭގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. އަދި ހަކަތަ ފޯރުކޮށްދެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ކާނާތަކެއް ތިރީގައި ހިމަނާލާނަ މެވެ.

  1. ހޯލް ގްރެއިން- ބްރައުން ބްރެޑް، ބްރައުން ރައިސް، އޯޓްސް
  2. ތާޒާ މޭވާ އާއި ތަރުކާރީ
  3. ޕްރޮޓީންސް (ހަށިގަނޑު ބޮޑުކޮށްދޭ ކާނާ) ކިރު، ޔޮގާޓް، ބަދަން
  4. ނަޓްސް އަދި އޮލިވްސް ތެޔޮ