ހާރުދަމުގެ ކެއުމަކީ ރޯދަމަހުގެ އެންމެ މުހިއްމު ކެއުމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުންނައިރު ސިއްހަތަށް ފައިދާހުރި ކެއުމެއް އެގަޑީގައި ކެއުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބުންވަރު ހިފަހައްޓައިދޭނެ ކަމެކެވެ. ތިރީގައި މި ބަލާލަނީ ހާރުދަމުގެ ކެއުމުގައި ހިމެނުން މުހިއްމު ބައައް ބާވަތްތަކަށެވެ.

ޕްރޮޓީންސް

ޕްރޮޓީންސްއަކީ ހަށިގަނޑުގައި ހަކަތައާއި ބުންވަރު އުފައްދައިދޭ މުހިއްމު މާއްދާ އެކެވެ. ޕްރޮޓީން ހިމެނޭ ކެއުންތަކުގެ ތެރޭގައި ބިސް، މަސް އަދި ކިރު ހިމެނެ އެވެ.

ފައިބާ

ފައިބާއަކީ ރޯދަމަހު ދުވާލު ހަށިގަނޑު ދުޅެހެޔޮކަން މަތީ ބަހައްޓަން އެހީވެދޭ މާއްދާ އެކެވެ. އެގޮތުން ނުކައި ހުރުމުގެ ސަބަބުން ކުރިމަތިވާ ވައިގެ އުނދަގޫތަކަށް ފައިބާއިން ލުއި ލިބެ އެވެ. އާއްމުކޮށް ބޭނުންކުރާ އޯޓްސް، ހަރު ހަނޑޫ ފަދަ ގޮވާމުގެ ބާވަތްތަކުގައި ފައިބާ ހިމެނެ އެވެ.

ތަރުކާރީއާއި މޭވާ

ފެން ގިނަ ތަރުކާރީއާއި މޭވާ ކެއުމަކީ ދުވާލު ގަޑީގައި ހަށިގަނޑުން ފެން މަދުވިޔަ ނުދޭން ކުރެވިދާނެ މުހިއްމު ކަމެކެވެ. އެގޮތުން ކިއުކަމްބާ، އޮރެންޖު އަދި އާފަލު ފަދަ ބާވަތްތަކަކީ ހާރުދަމުގެ ކެއުމުގައި ހިމެނިދާނެ ބާވަތްތަކެވެ.

ފަތްޕިލާވެލި

އެކި ވައްތަރުގެ ފަތްޕިލާވެލިން ބަނޑު ހަރުވުމާއި ހަޖަމުގެ ނިޒާމުގެ އެހެން އުނދަގޫތަކުން ދުރުކޮށްދެ އެވެ. ކޮޕީ ފަތް، ކުއްޅަފިލާ ފަތް ފަދަ ފަތްޕިލާވެލީގެ އެކި ބާވަތްތަކުން ސަޓަނި ހަދައިގެން ކެއުމުގައި ބޭނުން ކުރެވިދާނެ އެވެ.