އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި މެމްބަރެއްގެ ހައިސިއްޔަތުން ޖުމްލަ 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވަކިވެޑައިގެންފި އެވެ.

އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 13 މާޗު 2014 ގަ އެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގަ އެވެ.

ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގަ އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު

ހަބީބް ވަނީ އޭނާއަށް ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި އަދި މުއައްސަސާތަކުގެ އިތުރުން ނޫސްވެރިން ކުރި އިތުބާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

"އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާއެއް،" ހަބީބު މިއަދު ފޮނުއްވި މެސެޖަކު ވިދާޅުވެފައިވެ އެވެ.

ހަބީބްގެ ދައުރު މިއަދަށް ހަމަވިއިރު، ފާއިތުވި ދުވަސްތަކުގައި އޭނާ ގެންދެވީ ކޮމިޝަންގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ހަބީބުގެ ދައުރު ހަމަވުމުން އެމަގާމަށް އައްޔަންކުރުމަށް ރައީސް ޑރ، މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އެ ކޮމިޝަންގެ މިހާރުގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާގެ ނަމެވެ.