ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ނައިބު ރައީސް ހުސައިން އިސްމާއީލް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހްމޫދަށް ތާއީދު ކުރައްވައިފި އެވެ.

ހުސައިން ވަނީ އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހިންނަވަރު ދާއިރާގެ މިހާރުގެވެސް މެމްބަރު ޖީހާނާ ބައްދަލުކުރައްވައި އޭނާގެ ތާއީދު ޖީހާނަށް އޮތްކަން އިއުލާންކުރައްވާފަ އެވެ.

ހުސައިން އެގްރިކަލްޗާ މިނިސްޓަރުގެ ނައިބު ކަމަށް އައްޔަން ކުރެއްވުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެ މަގާމުން ވަކިކުރައްވާފަ އެވެ. ސަބަބެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.

ހިންނަވަރު ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރައްވަނީ މުހައްމަދު އަބްދުއްރަހްމާނެވެ. ދެން ވާދަކުރައްވަނީ ޕީއެންސީގެ ޕްރައިމަރީން ބަލިވި އަބްދުއްސަލާމް މޫސާ އެވެ. އޭނާ ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 21، ގަ އެވެ. އެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. އަދި ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުން ވާދަކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.