ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި ކޮރަޕްޝަން ހިންގި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ރާއްޖޭގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރުކުރަން އެމްޑީޕީން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެފަދަ ކަމަކަށް ޓެކްސް ފައިސާ އިން ހަރަދުކުރާނަމަ އެ ހަރަދެއްގެ ތަފްސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި ސިއްސައިގެންދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯނަކީ ހިލޭ ލިބިފައިވާ އެއްޗެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޖުމްލަ ގެނައީ ތިން ޑްރޯނެވެ. އެކަމާ ގުޅޭގޮތުން އީސަ ވިދާޅުވީ ދެ ޑްރޯން ގަތުމަށް ސަރުކާރުން 39 މިލިއަން ޑޮލަރު ހަރަދު ކުރި ގޮތް ސާފު ނުވާ ކަމަށެވެ.

"ހަތަރު ޑްރޯންއޭ ވިދާޅުވެ، ދެ ޑްރޯން ގަނެފަ، ހިލޭ އެއް ޑްރޯން ލިބިފަ، ދެން 39 މިލިއަން ޑޮލަރު އެކަމަށް ހަރަދު ކުރި ގޮތެއް ނޭނގޭ. އަދި އެންމެ ކަންބޮޑުވާ ކަމަކީ ބަޖެޓު ވެސް ނުކޮށް، ކޮންޓިންޖެންސީ ބަޖެޓުން މިކަން ކުރީމަ،" އީސާ ވިދާޅުވި އެވެ.

ސަރުކާރުން އެ ޑްރޯންތައް ގަންނަން ހަރަދުކުރީ ރަށްރަށުގައި ހިންގަމުން އައި 1720 މަޝްރޫއު ހުއްޓާލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.