އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަ މަސް ފެށުނުއިރު އަގު ބޮޑުކޮށްހުރި ކަނޑޫދޫ މިރުހުގެ އަގު ހެޔޮވެއްޖެ އެވެ.

ކޮންމެ އަހަރަކު ރޯދަމަހު ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެ އެވެ. އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށުނުއިރު މިރުސް ކިލޯއެއް ހުރީ 750 ރުފިޔާއިން މަތީގަ އެވެ.

އެހެން ނަމަވެސް ރޯދަ މަހުގެ ހަފްތާއެއް ނިމިގެންދިޔައިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު މިވަނީ ދަށް ވެގެންގޮސްފަ އެވެ. އެގޮތުން މިހާރު ބަޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 400 ރުފިޔާ އާއި 500 ރުފިޔާ އާ ދެމެދުގަ އެވެ.

މި މަހު އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނު ލުނބޯގެ ކިލޯއެއް މާރުކޭޓުގައި މިއަދު ލިބެން ހުރީ 60 ރުފިޔާއަށެވެ. މީގެ އިތުރުން އެސްޓީއޯއިން މިހާރު ވަނީ ލުނބޯ އެތެރެކޮށް، ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ވެސް ފަށާފަ އެވެ.

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ކޮޕީ ފަތާއި، ކުއްޅަފިލާފަތުގެ ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ.

މާލޭގެ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީތަކެއް މީހަކު މިއަދު ބަލަނީ. ފޮޓޯ: މުހައްމަދު ޝަރުހާން | ހުރިހާ

މާރުކޭޓްގައި އެހެން ތަކެތީގެ އަގުތައް ހެޔޮވެފައިވާއިރު ފަނިގިރުމަށް ބޭނުންކުރާ ބައެއް ބާއްވަތަކުގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ.

ރޯދަ މަހު ފަނި ގިރަން އެންމެ ޑިމާންޑް ބޮޑު ކަރާ ބާޒާރުގައި ލިބެން ހުރީ ކިލޯއެއް 15 ރުފިޔާ އާއި 18 ރުފިޔާ ދެމެދު އެވެ.

ޝަން ފުރުޓް ކިލޯއެއް މިހާރު ވިއްކަން ހުރީ 70 ރުފިޔާ އަށެވެ. މީގެ ދެ ތިން ދުވަސް ކުރިން ވިއްކަން ހުރީ 60 ރުފިޔާ އަށެވެ.ބާޒާރުގައި ފޭރު ކިލޯއެއް 120 ވިއްކަން ހުރިއިރު އަނބު ކިލޯއެއް ވިއްކަމުން ދަނީ 100-150 ރުފިޔާ އަށެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު ބާޒާރުކުރަނީ. ރޯދަމަހާ ދިމާކޮށް އާއްމުކޮށް މޭވާ އާއި ތަރުކާރީގެ އަގު ވަރަށް ބޮޑަށް އުފުލޭ. ފޮޓޯ: މުހައްމަދު ޝަރުހާން | ހުރިހާ

ކުރިން 15 ރުފިޔާއަށާއި 20 ރުފިޔާއަށް ވިއްކި ކުރުނބައެއް ގެ އަގު މިއަދު ވަނީ ބާޒާރުގައި 20 ރުފިޔާއިން ފެށިގެން 30 ރުފިޔާއާއި ދޭތެރޭ އަގުތަކަކަށް އުފުލިފަ އެވެ.

ބާޒާރުގައި އޮރެންޖުގެ އަގު މަޑުމަޑުން އުފުލި، އޮރެންޖެއް މިއަދު ވިއްކަން ހުރީ 10 ރުފިޔާ އަށެވެ.