ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަނާ (އާރުޑީސީ) ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ ވާހަކަފުޅުގައި މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއެކު އެމްއޭސީއެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވި އެވެ. އަދި އެމްއޭސީއެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތް ނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އާރުޑީސީ ފަދަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލް އާއި އާރުޑީސީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްއޭސީއެލް

މި ފަހުމުނާމާގެ ދަށުން އެއާޕޯޓްގެ ލޭންޑް ސައިޑްގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރުޑީސީއިން ކުރާނެ އެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މީގެ އިތުރުން މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިއީ، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހައާއި، ސަލާމަތާއި ރައްކާތެރިކަމަށް އެމްއޭސީއެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. މިމަސައްކަތްތަކާއެކު، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށް ވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.