އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބޭ އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެކަމަކު ގާނޫނު މިހާރު އޮންނަ ގޮތުން މެމްބަރު ކަމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.

އެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް ޔޫނުސް ހުށަހެޅުއްވި އިސްލާހުގައި ވަނީ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށެވެ.

އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ދައުރަކީ، އީސީގެ މެމްބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުން އެކަންޏެވެ.

ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ ފަރާތުން މިފަދަ އިސްލާހެއް ހުށަހެޅިއިރު، ފަސް މެންބަރުންގެ މައްޗަށް އެކުވެލޭ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވުމާ ގުޅިގެން ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑިއެއް ވަނީ ހުސްވެފަ އެވެ.

އަދި އީސީގެ މެންބަރުކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް މުއިއްޒު ވަނީ މަޖިލިހަށް ފޮނުއްވައިފަ އެވެ.