މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއް ތެރޭގައި ނިންމާލެވޭނެ ކަމަށް މާލޭގެ މޭޔަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މިއަދު ފެށީ މި ފެސިލިޓީގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށާއި ވިއްސަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އިމާރާތްކުރުމުގެ މަސައްކަތް ފަށައި މަހެއް ނޫނީ ދެ މަހެއް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އުއްމީދުކުރެވެނީ ކުރިއަށް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި މި ފެސިލިޓީ ބިނާކުރެވި، މާލެ ތެރޭގައި އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާކުރެވިގެން މިތަނުގައި ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މި ފެސިލިޓީ ހެދުމަށް އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ އެވެ.

މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވުމަކީ މާލޭގެ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. މިކަމަށް ހައްލު ހޯދުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެ މަސައްކަތް މިހާރު ވަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކުރިޔަށް ދާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި ބުޅާތައް ގިނަވެ، އޭގެ އުނދަގޫ އާންމުންނަށް ވަރަށް ބޮޑަށް ކުރެ އެވެ.