ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ހާއްސަކޮށް ތައްޔާރުކުރި ސީޕްލޭނުގެ ފުރަތަމަ ދަތުރު މިއަދު ފުރިހަމަކޮށްފި އެވެ.

މިއީ ދ. ކުޑަހުވަދޫގައި ހުރި މީހަކަށް އިމަޖެންސީ ފަރުވާ ބޭނުންވެގެން ދިން ހިދުމަތެކެވެ.

މިއީ، ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެ ބޯޓު މިދިޔަ ހުކުރު ދުވަހު ހިދުމަތަށް ނެރުނު ފަހުން ހިދުމަތް ދޭން ފެށި ފަހުން އުފުލި ފުރަތަމަ ބަލި މީހާ އެވެ.

ސީޕްލޭންގައި ބަލި މީހަކު އުފުލަނީ. --- ފޮޓޯ: މޯލްޑިވިއަން

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމަށް ސީޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ހިދުމަތެއް ވެސް ލިބޭ ގޮތަށެވެ.