ރާއްޖޭގައި ބަންގްލަދޭޝްގެ 135،149 މަސައްކަތްތެރިންނަށް މިވަގުތު އެކްޓިވް ވޯކްޕާމިޓް ދޫކޮށްފައިވާ އިރު، ގަވާއިދުން ފައިސާ ދައްކަނީ 39،004 ވޯކް ޕާމިޓަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ އިހުސާން ވިދާޅުވީ ބާކީ ހުރި ވާކްޕާމިޓްތަކަކީ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު 17 ގެ ނިޔަލަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އަދަދަކީ 90،624 މީހުންނެވެ.

އަދި މިދިޔަ ނޮވެމްބަރު 11 އިން ޑިސެމްބަރު 17 އަށް ވޯކް ޕާމިޓް އަދި ވިސާ ކެންސަލް ކުރެވި ރާއްޖެ އިން ބޭރަށް ފޮނުވާލެވިފައިވާ އަދަދަކީ 206 ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެކްޓިވް ޕާމިޓުންގެ ގޮތުގައި އެ ޕާމިޓެއްގެ ދަށުން ރާއްޖެ އަދި ނާންނަ މީހުންނާއި ރާއްޖެ އައުމަށް ފަހު އެނބުރި ދިޔަ ފަހުން އޭނާ ގެނައި ކުންފުނިން ޕާމިޓް ކެންސަލް ނުކުރާ ޕާމިޓްތައް ވެސް ހިމެނޭނެ އެވެ. އިހުސާން ވިދާޅުވީ އެކްޓިވް ޕާމިޓުންގެ ގޮތުގައި 5،400 ޕާމިޓަށް ހުއްދަ ދެވިފައިވާ ކަމަށެވެ.

"އޭގެ ތެރެއިން 4،000 މީހުން އަދި ރާއްޖެ އައިސްފައި ވަނީ މިހާތަނަށް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ވަރަށް ގިނަ ކުންފުނިތަކުން ބިދޭސީން ގެނެސް މައްސަލައެއް ދިމާވެ ފިލައިގެން ދިއުމުން ސަރުކާރުގެ އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް ރަނގަޅަށް ކޮށްފައިނުވާ ކަމަށެވެ.