މި އަހަރު (1445ހ) ފިޠުރު ޢީދު ނަމާދު ކުރާ ގަޑި އަވަސް ކުރުމަށް އިސްލާމީ ވުޒާރާއިން ވަނީ ނިންމަވާ އެ ގަޑި 20 މާރިޗް 2024މ ގައި އިޢުލާނު ކުރައްވައިފައެވެ. އާދެ، އެއީ ޒަމާނުއްސުރެ އެ ނަމާދުކުރަމުން އަންނަ ހެނދުނު 7:30 ގެ ބަދަލުގައި ހެނދުނު 7:00 އަށް ބަދަލުކުރެއްވުމެވެ.

އެ ބަޔާން އިސްލާމީ ވުޒަރާއިން ނެރުއްވައިފައިވަނީ ކަމުގެ އަހުލުވެރީންގެ މަޝްވަރާކުރެއްވުމަށް ފަހުއެވެ. އިސްލާމީ ވުޒާރާގެ ބަޔާނުގައިވެއެވެ.

"ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރީންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ."

މި ހިސާބުން ވެސް އިސްލާމީ ވުޒާރާއިން މި ކަމުގައި ކަންތައް ކުރައްވައިފައި އެ ވަނީ ޝަރްޢީ މަޤާޞިދާ އެއްގޮތަށް ކަން އެނގި ހާމަވެއެވެ. އެހެނީ، ތަނެއްގައި އާދަކޮށް ކުރެވެމުން އަންނަ ކަމެއް ބަދަލުކުރާން ވާނީ އެ ކަމެއްގެ ހުރިހާ ކޮޅަކަށް ވެސް ބައްލަވަައިފައެވެ. ދީނުގެ ދެއްވައިފައިވާ ތަނަވަސްކަމުގެ ތެރެއިން ޢާންމު މަޞްލަޙަތާއި ޝަރްޢީ މަޤާޞިދާ ވެސް އެންމެ ސީދާވާ ގޮތަށެވެ. އެހެނީ، އެއީ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ހުރިހާ ކަމެއްގައި ވެސް ޢަމަލުކުރާން ޖެހޭ ގޮތެވެ.

އަޅުގަނޑުމެން ކުރިމަތީގައި މި ވާ މައްސަލައަކީ ދީނީ މައްސަލައެކެވެ. ދީނީ ޢާންމު މަޞްލަޙަތާ ގުޅުން ހުރި މައްސަލައެކެވެ. އެފަދަ މައްސަލަތަކާ ބެހޭ ވުޒާރާއަކީ އިސްލާމީ ވުޒާރާ ކަން ކުދިބޮޑު އެންމެން ދަނެއެވެ. ހާމަކަން ބޮޑު ގޮތެއްގައި އެ ވުޒާރާއިން އެ ކަން ކުރައްވާފައި އެ ވަނީ ދީނުގައި އަންގަވައިފައިވާ މަތިވެރި އުޞޫލާ އެއްގޮތަށެވެ. އެއީ "وَأَمْرُهُمْ شُورَىٰ بَيْنَهُمْ" ގެ މަބްދައުންނެވެ. "އެބައިމީހުންގެ ކަންކަން އެބައިމީހުންގެ މެދުގައި އޮންނަނީ މަޝްވަރާގެ މަތީންނެވެ." މިއީ ކޮންމެކޮންމެ ބަޔަކާ ކުރެވޭ މަޝްވަރާއެއް ނޫނެވެ. ކަމުގެ އަހުލުވެރީންނާ ކުރެވޭ މަޝްވަރާއެވެ. ކަމުގެ ދެކޮޅު އެނގޭ، ކަމަށް އެކަށީގެންވާ ރައުޔުތައް ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަމާއި ހުނަރު ހުރި، އެ ކަމުގެ މުއައްސަސާތަކާއި ކޮމެޓީތަކުގައި ތިބި ޢިލްމުގެ އަހުލުވެރީންނާއި ތަޖުރިބާކާރުންގެ މަޝްވަރާއެވެ.

ޢީދުގެ ޖަމާޢަތް ޤާއިމުކުރުމާއި ޝަރުޢީ ގޮތުން ދެވިފައިވާ ވަގުތުގެ ތެރެއިން ވަގުތެއް ކަނޑައަޅައިގެން އެ ކަން ކުރުމަކީ ވަލިޔުލްއަމްރަށް ޚާއްޞަކުރެވިފައިވާ ޒިންމާއެކެވެ. މި ޒަމާނުގެ ގޮތުން އެ ޒިންމާ ވަލިޔުލްއަމްރު ވަނީ ވުޒާރާއެއް ހައްދަވައި އެ ކަމުގެ އަހުލުވެރީން އެ ތަނަށް ޢައްޔަނުކުރެއްވުމަށް ފަހު އެ ބޭފުޅުންނާ ހަވާލުކުރައްވައިފައެވެ. އެހެންކަމުން، މިއީ މި ކަހަލަ ކަންކަމުގައި އިސްލާމްދީނުގައި ވަލިޔުލްއަމްރަށް ކިޔަމަންގަތުން ވާޖިބުކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ، يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ މިފަދައިންނެވެ. މިއީ ނިސާ ސޫރަތުގެ 59 ވަނަ އާޔަތެވެ. މި އާޔަތުގެ މާނައަކީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!"، މިއެވެ.

ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރައްވައި ވަލިޔުލްއަމްރު ނެރުއްވާ އަމުރުފުޅުތަކަކީ އެއީ ޤުރުއާނާއި ސުންނަތާ ޚިލާފު ނުވާ، އަދި ކިއެއް، ޝަރްޢީ މަޤާޞިދާ ވަރަށް ބޮޑަށް ގުޅުން ހުރި އަމުރުފުޅެއް ނަމަ އެ އަށް ކިޔަމަންގަތުމަކީ މުއުމިނުންގެ މައްޗަށް މާތް ﷲ ވާޖިބުކުރައްވައިފައިވާ ކަމެކެވެ.

ދެން ނިކަން މި މައްސަލައަށް ވިސްނާލަމާތޯއެވެ. މިއީ މާތް ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް އުރެދުމެއްވާ ކަމެއްތޯއެވެ؟ ނޫނެކެވެ. މިއީ އެއިން އެއްވެސް ކަމެއް މީގައި އެކުލެވިފައިވާ ކަމެއް ނޫނެވެ. އެއާ ޚިލާފަށް ޝަރްޢީ މަޤާޞިދާއި އިސްލާމްދީނުގައި ދެއްވައިފައިވާ ފުސްޙާގެ (ތަނަވަސްކަމުގެ) ތެރެއިން ހިނގާފައިވާ ކަމެކެވެ. ޢީދު ނަމާދުގެ ވަގުތަކީ އިރު ލޮންސިއެއްހައި މިންވަރަށް އެރުމާ އެކު (އެއީ އިރު އެރުމަށް ފަހު 15 ވަރަކަށް މިނިޓް ފަހުން) އިރު މެދުއުޑުގައި ޖެހުމުގެ ކުރިއެވެ. (އެއީ މެންދުރު ނަމާދުވުމުގެ ކުޑައިރުކޮޅެއް ކުރިއެވެ.) 7:00 އަކީ އެ ވަގުތުގެ ތެރެއިން ވަގުތެކެވެ.

ދެން ސުވާލަކީ މި ކަމުގައި ޝަރްޢީ އަދި ޢާންމު މަޞްލަޙަތެއް ހިމެނޭ ނަމަ އެ މަޞްލަޙަތަކީ ކޮބައިތޯއެވެ؟ އާދެ، އެ ކަން އިސްލާމީ މިނިސްޓްރީން ނެރުއްވައިފައިވާ އިޢުލާނުގައި ވެސް ބަޔާންކުރައްވައިފައިވެއެވެ. އޭގައި ވަނީ އަންނަނިވި ފަދައިންނެވެ.

"ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެ ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބަޢަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޞްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅައިފީމެވެ."

ނިކަން ބައްލަވާށެވެ. މި އަށް ވުރެ މި މައްސަލަށް ސާފުކޮށް ބަޔާންކުރެވޭނެތޯއެވެ؟ ހުރިހާ ވާހަކައެއް ވެސް އެ ވަނީ އެ އިޢުލާނުގައި ބަޔާންކުރައްވައިފައި ނޫންތޯއެވެ؟ ދެން މި ކަމާ މެދު އިތުރަށް އިތުރު ބަޔަކު ރައުޔު ނެރެ، ދިވެހީންގެ އާދަކާދައޭ، ފިޤުހީ އެކިއެކި ޚިލާފުތަކާއި ރައުޔުތަކޭ ބުނެ މީސްތަކުންގެ މެދުގައި ފިތުނައަކަށްވާ ގޮތަށް ޢަމަލުކުރުމުގެ ފުރުޞަތެއް އެބައޮތްތޯއެވެ؟ ނެތްކަން ޔަޤީނެވެ.

ދިވެހީންގެ އާދަކާދައޭ ކިޔައި މިކަމާ ދެކޮޅަށް ވާހަކަ ދެއްކޭނޭ ޝަރުޢީ އެއްވެސް ޙުއްޖަތެއް ނެތެވެ. އެފަދައިން އެ ވާހަކަތައް ދައްކާ ބަޔަކު އެ ދައްކަނީ މާ ކުރީގެ އާދަކާދައެއްގެ ވާހަކައެވެ. މައިދާންތަކުގައި ޢީދު ނަމާދު ނުކުރާ ޒަމާނުގެ އާދަކާދައިގެ ވާހަކައެވެ. ހަމައެކަނި މިސްކިތްތަކުގައި ޢީދު ނަމާދުކުރާ ޒަމާނުގެ ވާހަކައެވެ. އާދަކާދަ މި އޮތީ ބަދަލުވެފައެވެ. ދެން އޮތީ އެ އަށް އަޅުގަނޑުމެން ރިޢާޔަތްކުރުމެވެ. އެއަށް އަޅުގަނޑުމެން ފެތިގަތުމެވެ.

ދުޢާއަކީ، މާތް ﷲ އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުމެވެ. އާމީން!