އިނގިރޭސި ބަހަކީ މިހާރު ރާއްޖޭގައި އާންމު ބަހެއް ކަމަށް ވިޔަސް 20 ވަނަ ގަރުނު ފެށިގެން އައިއިރު ރާއްޖޭގައި އިނގިރޭސި ބަސް ކިޔަވައި ވިދާޅުވެގެން ހުންނެވި ކަމަށް ވަނީ އެންމެ ބޭފުޅެކެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނުގެ ބައްޕާފުޅު އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ. ބުނެވޭ ގޮތުގައި އެކިލެގެފާނު އިނގިރޭސި ބަސް ދަސްކުރެއްވީ ކޮޅުނބުގެ ގާލީގެ ރިޗްމަންޑް ކޮލެޖުންނެވެ. އެއީ ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއް އާއިލާއިން ރާއްޖެ ފަދަ ގައުމަކަށް އެންމެ ރަނގަޅު ވާނީ އިނގިރޭސިން ފަދަ ބޮޑު ބާރެއްގެ ހިމާޔަތުގެ ދަށުގައި ތިބެގެން ކަމަށް ދުށް ދުވަސްވަރެވެ.
ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ އުދަރެހުގައި އަތިރީގެއާއި އެއްގަމުގޭ އާއިލާގެ ކޯޅުންގަނޑު ބޮޑު ދުވަސްވަރެކެވެ. އޭރު އެއްގަމުގޭ ތުއްތު އަލި ދީދީ ހުންނެވީ ސިޔާސީ މައްސަލައެއްގައި މާލެ އަތޮޅު ހުރަޔަށް އަރުވާލައިފަ އެވެ. ތުއްތު އަލި ދީދީގެ ދަރިފުޅު އުމުރުން ގާތްގަނޑަކަށް 15 އަހަރުގެ އިބްރާހިމް އަލި ދީދީ އަކީ ސިލޯނުގައި ކިޔަވުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް އެއްގަމުގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ އެކު މާލެ އައިސް އަނބުރާ ސިލޯނަށް ދެވޭނެ ގޮތެއް ނެތިފައި ހުރި ކުއްޖެކެވެ.
ބައްޕާފުޅާއި އާއިލާގެ ގިނަ ބަޔަކު ސިޔާސީ މައްސަލަގަނޑެއްގައި ތާށިވެ އަރުވާލެވިފައިވުމާއެކު އިބްރާހިމް އަލި ދީދީއަށް އޮތީ ކޮޅުނބަށް ފޮނުވައި ދެއްވާތޯ ދޮށިމޭނާ ކިލެގެފާނުގެ އަރިހުގައި ދެންނެވުމެވެ. އެގޮތަށް ދަންނަވާ ދެންނެވުމަށް އެއްވެސް އިޖާބައެއް ނުލިބި މާގިނަ ދުވަސް ވާން ފެށުމުން ކިލެގެފާނުގެ ގާތު ބަސްވިކޭ ފަދަ ބޭފުޅެއްގެ އަރިހުގައި ދަންނަވައިގެން އެކަމަށް މަގުފަހި ކުރެވޭތޯ ބެއްލެވި އެވެ.
ދޮށިމޭނާ ކިލެގެފާނުގެ އަރިހުން އިބްރާހިމް އަލިދީދީއަށް ލިބިވަޑައިގެންނެވި ޖަވާބެއް ކަމަށް ވަނީ ތިމަންނާގެ ބޭފުޅުންނަށް އިނގިރޭސި ކިޔެވުނެއް ކަމަކު ތުއްތުބޭގެ ކުދިންނަކަށް އިނގިރޭސި ބަސް ނުކިޔެވޭނެ ކަމަށެވެ. އެ ވިދާޅުވި ތުއްތުބެއަކީ އިބްރާހިމް އަލިދީދީގެ ބައްޕާފުޅު، އޭރު ހުރައަށް އަރުވާލާފައި ހުންނެވި ތުއްތު އަލި ދީދީ އެވެ. ތިމަންނާގެ ބޭފުޅުންނޭ އެވިދާޅުވީ ކުރިން ބަޔާން ކުރެވުން ރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސި ބަސް ކިޔަވާ ވިދާޅުވި ބޭފުޅެއްގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ.
އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ފަރާތުން ލިބިވަޑައިގެންނެވި ޖަވާބުން މާޔޫސްވެ ވަޑައިގެންނެވި ނަމަވެސް ކިޔަވާ ވިދާޅުވުމަށްޓަކައި ކޮޅުނބަށް ވަޑައިގެންނެވުމަށް އިބްރާހިމް އަލިދީދީ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ދޫކޮށެއް ނުލެއްވި އެވެ. އެކަމަށްޓަކައި ޚިޔާރު ކުރެއްވީ ސަރުކާރަށް ނޭނގި އަމިއްލަޔަށް ކޮޅުނބަށް ދެވޭނެ މަގެއް ހޯއްދެވުމެވެ.
އޭރު އިބްރާހިމް އަލިދީދީގެ ތިއްތިބޭބެ އެއްގަމުގޭ އަބްދުﷲ ދީދީ ވެސް ހުންނެވީ ހުރަޔަށް އަރުވާލައިފަ އެވެ. އަބްދުﷲ ދީދީ އާއެކު އެ ދީދީގެ ދޯނި ވެސް އޮތީ ހުރައަށް ފޮނުވައިފަ އެވެ. ޒުވާން އިބްރާހިމް އަލިދީދީ ހުރައަށް ދަތުރުކުރި އެވެ. އެއަށްފަހު ބޮޑު ބޭބެގެ އޮޑި ހުރާގެ ފަޅުތެރޭގައި ފެތިފައި އޮއްވައި، އެރަށުގެ ޒުވާން ކުދި ބަޔަކާއެކު ގޮސް އޮޑީގެ ދިޔަ ހިއްކައި، އޮޑި ދަތުރަށް ތައްޔާރުކުރި އެވެ.
އޭރު އިބްރާހިމް އަލިދީދީ އޮތީ އޮޑިކަނޑައިގެން [ސިއްރުން ފުރައިގެން] ކޮޅުނބަށް ދިއުމަށްޓަކައި ހުރިހާ ކަމެއް ރާއްވަވާފަ އެވެ. އެކަމަށް ހިތްވަރު ދެއްވި ކަމަށް ވަނީ ދަރަވަންދޫގޭ މޫސާ ދީދީ އެވެ. އެއީ މަޝްހޫރު ދީނީ އިލްމުވެރިޔާ ހުސެއިން ސަލާހުއްދީނުގެ ބައްޕާފުޅެވެ. ދަތުރުކުރުމަށް ބޭނުންވާ ސަމުގާ އެއްވެސް ހަދިޔާ ކުރެއްވީ މޫސާދީދީ އެވެ.
ހުރާގައި އޮތް ދޯނި ދަތުރަށް ތައްޔާރު ކުރުމަށް ފަހު ބައްޕާފުޅާއި ބޮޑު ބޭބޭފުޅު އޮޑިއަށް ލައްވައިގެން ޒުވާން އިބްރާހިމް އަލިދީދީ މިސްރާބު ޖެއްސެވީ ކޮޅުނބަށެވެ. ބަރާބަރު ދެ ދުވަހުގެ ތެރޭގައި ދޯނި ސިލޯނުގެ ބަނދަރަށް ވަނެވެ.
ސިލޯނުގެ ބަނދަރަށް އޮޑި ވެއްދުމަށް ފަހު އިބްރާހިމް އަލި ދީދީ ފުރަތަމަ ވެސް މިސްރާބު ޖެއްސެވީ ކޮޅުނބުގައި ހުންނަވާ އިނގިރޭސި ގަވަރުނަރުގެ އޮފީހަށެވެ. އެ އޮފީހަށް ގޮސް ރާއްޖޭގައި ކަން އޮތްގޮތް ކިޔައިދީ އިނގިރޭސިންގެ ހިމާޔަތަށް އެދުނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭރު އޮތް އާއިލީ ތަޅާފޮޅުމަކީ ސިލޯނުގައި ތިބި އިނގިރޭސިންނަށް ވަންހަނާ ވެގެން ވާކަމެއް ނޫނެވެ. އެހެންކަމުން އިބްރާހިމް އަލި ދީދީ އެދިވަޑައިގެންނެވި ހިމާޔަތް އިނގިރޭސިންގެ ފަރާތުން ލިބުނެވެ.
އިނގިރޭސިންގެ ހިމާޔަތް ލިބިގެން ކޮޅުނބުން ތައުލީމު ހާސިލްކުރައްވަން ފެއްޓެވި އިބްރާހިމް އަލިދީދީ ފަހުން ވީ ރާއްޖޭގެ ހަތަރު ވަނަ ބޮޑު ވަޒީރަށެވެ. މުހައްމަދު އަމީންގެ ވެރިކަން ނިމުމަށްފަހު އުފެދުނު ސަރުކާރުގައި ބޮޑު ވަޒީރުކަން ކުރެވި އިބްރާހިމް ދޮށިމޭނާ ކިލެގެފާނަކީ އެއީ އެވެ.