ޕީޕީއެމްގެ މައިގަނޑު ޝިއާރު ކަމުގައިވާ "އެންމެ ފުރަތަމަ ގައުމު" ޝިއާރުގެ އޮއްޓަރެއް ހުރި ތަން މިހާރު ފެންނަމުން ނުދާ ކަމަށާއި ޕީޕީއެމް ނެތިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ ޕީޕީއެމް ހިނގަމުން އަންނަ ގޮތާ މެދުގައި ކަންބޮޑުވުން ފާޅު ކުރައްވައި އެކަމުގެ ބައެއް ތަފްސީލަށް ވަޑައިގެންފަ އެވެ.
އެގޮތުން މި ސަރުކާރުގެ ވެރިން، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ގެންގުޅުއްވި ސިޔާސަތުތައް މިހާރު ފެންނަމުން ނުދާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި ޕީޕީއެމް ފިކުރު މިހާރު ގައުމުން ނައްތާލަމުންދާ ކަމަށާއި އެކަން ކުރަމުން ދަނީ ކުރިން އެ ފިކުރުގެ ހިޔަލުގައި ތިބެ ގައުމު ހަމަ މަގަށް އަޅުވަން ކަމަށް ބުނެ ނުކުތް މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކޮށް އިންޑިއާ ސިފައިން ބާލާ ދިވެހިންގެ މިނިވަންކަން ދިވެހީންނަށް ހޯދައިދޭން އެންމެ ފުރަތަމަ ގައުމު އިސްކުރަން އައި ބަޔަކު ފެންނަމުން ދަނީ އިންޑިއާއަށް ބިރުން އުޅޭ މަންޒަރު ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓު ގަރާރު ވެސް އެންމެ ކުޑަ މިނުން ބާތިލުކުރަން ނުކެރި ގައުމު އަނެއްކާވެސް އިންޑިއާގެ އަތްދަށު ލައްވަމުން ގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޕީޕީއެމްގެ ތެރެއިން އެންމެ ބޮޑަށް އިސްކުރި އެންމެ ފުރަތަމަ ގައުމާ މިނިވަންކަން. ނަމަވެސް މިހާރު މިކަންކަން އިސްކުރަން ނުކުރެގިން އުޅޭ ވާހަކަ ތި ދަންނަވަނީ. އެހެންވެއްޖެ ނަމަ ޕީޕީއެމްގެ ފިކުރެއް ނެތެނެއްނޫންތޯ މިތާކު؟" ޔާމީން ވިދާޅުވި އެވެ.