ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރަށް ލަފާދިނުމަށް ރައީސް މުހައްމަދު މުއިއްޒު އެކުލަވާލި "ކަމުވޮށިގެންވާ" ފަސް މެންބަރުންގެ ކޮމެޓީއިން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސުކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އެ ދެ ސުކީމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ބޭނުންވާ ލަފާ ސަރުކާރަށް ދިނުމަށް ގާއިމު ކުރި ކޮމެޓީން ކުރީގެ މިނިސްޓަރު އަނީސާ އިސްތިއުފާ ދެއްވީ އޭނާގެ ޒާތީ ކަންކަމާ ގުޅިގެންނެވެ.

މިހާތަނަށް މި ކޮމިޓީން ބޭއްވީ އެންމެ ބައްދަލުވުމެކެވެ.

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަނީސާ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގައި އިސް މަގާމުތައް އަދާކުރައްވާފައިވެ އެވެ.

އަނީސާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެފަހުން އެކިއެކި މަގާމުތައް ފުރުއްވަުން އައިސް ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އެވެ.

އޭގެ އިތުރުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދީ ބާރުވެރިކުރުމަށް "ހޯޕް ފޯ ވިމެން" ޖަމިއްޔާ އުފެއްދެވީ ވެސް އަނީސާ އެވެ.