ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފެށޭނެ ތާރީހަކާ ބެހޭ ގޮތުން، ސަރުކާރުގެ އެއްވެސް ނިންމުމެއް އަދި ނެތް ކަން ހާމަވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ދަތުރުފަތުރާއި ހުރުމާއެކު ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ހުޅުވާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން އާސަންދައަށް މިއަހަރު ބަޖެޓްކޮށްފައިވާ އަދަދުން މެނޭޖްކުރެވޭ ގޮތަށް މި ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހިދުމަތާއެކު އާސަންދަ ލިބޭ މީހުންގެ އަދަދަށް އުނިކަމެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގޮތުން ހިދުމަތްދޭނެ މޮޑެލްތަކާއި ކަވާކުރާނެ ހިދުމަތްތަކާއި އަދި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

އެކަންކަން ނިމުމުން ތަފުސީލުތައް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މެންބަރުން ވަނީ ޔޫއޭއީ އަދި ތައިލެންޑުން އާސަންދަ ހިދުމަތް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފަ އެވެ.

"ވީ އެންމެ އަވަހަކަށް، އެބަ މަސައްކަތް ކުރަން، އެއީކީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ދެވޭނެ ޖަވާބެއް ނޫން. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި އެބަ އޮތް، މިއަދުގެ ސުވާލަކީ ވެސް އާސަންދަ، ތައިލެންޑާ ޔޫއޭއީން ލިބޭނެ ކަމަށް، ކޮބައިތޯ އެ ދުވަހަކީ؟ ކޮން އިރަކުން އެކަން ވާނެތޯ؟" މިނިސްޓަރުގެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވަމުން މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އެ ސުވާލަށް އައިޝަތު ވިދާޅުވީ މިފަދަ ކަމެއްކުރާއިރު ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމު ހަމަޖެއްސުން މުހިންމު ކަމަށެވެ.

"މިކަހަލަ މަސައްކަތެއް ކުރަމުންދާއިރު އެންމެ މުހިންމުވެގެންދަނީ ކުރީގައި އަޅުގަނޑު ދެންނެވިހެން ސަސްޓެއިނަބަލް ސިސްޓަމެއް. އެކަހަލަ ކަމެއް ތައްޔާރުކުރުމަށް ވަރަށް ވިސްނުންތެރިކަމާއެކު މީގަ ދެން އަނެއްކާ ދުވަސްކޮޅަކުން ބަދަލުކުރަން ނުޖެހޭނެ ކަހަލަ ނިޒާމެއް ތައްޔާރުކުރުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ޖަވާބު ދެއްވުމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އިތުރަށް ތަފްސީލު ކުރެއްވި އެވެ.