ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ނިންމައި އެކަމުގެ އެމްއޯޔޫގައި ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ސޮއިކޮށްފި އެވެ.
ފުވައްމުލަކު އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ ފުވައްމުލަކު ކައުންސިލާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިން، ބިޅިފޭށި ސަރަހައްދުގައި ޓޫރިޒަމް ޒޯނެެއް ތަރައްގީ ކުރާނެ ކަމަށެވެ.
މި މަޝްރޫއު ހިންގަން ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނީ ވެސް ރީޖަނަލް އެއާޕޯޓްސް އިންނެވެ. މި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ވަނީ ނިމިފައި ކޮންސެޕްޓުގައި ވާގޮތުން އެ ސަރަހައްދުގައި 108 ކޮޓަރީގެ ގެސްޓްހައުސްއެއް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ ފުވައްމުލަކުގައި ޓޫރިިޒަމް ޒޯނެއް ގާއިމް ކުރަނީ އެ ރަށު އެއާޕޯޓާ އިންވެގެން އޮންނަ ބިޅިފޭށި ސަރަހައްދުގެ ބޭނުން ރަށުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރުމަށެވެ.
މި މަޝްރޫއާ އެކު ފުވައްމުލަކު އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުވާނެ ކަމަށާއި އެ ރަށުގައި ހިންގާ އެހެން ގެސްޓްހައުސްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
މިޔަރު ބަލަން ޑައިވްކުރަން މަޝްހޫރު ފުވައްމުލަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގަ އެވެ.