ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު ގެންނަ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ތިބޭނީ އެންމެ ގިނަވެގެން ދެ އަހަރު ދުވަހު ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެއް އަހަރު ދުވަސް ފަހުން ރާއްޖެ އިން ފުރާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި ތިބި 89 ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވި އެވެ. ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ސިފައިން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި އައްޑޫ ސިޓީގަ އެވެ.

އެ ތިން ޕްލެޓްފޯމްގެ ތެރެއިން އައްޑޫގެ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފައެވެ. އެމީހުންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ މަދަނީ މީހުން ވަނީ ގެނެސްފަ އެވެ.

މި އަހަރުގެ މެއި 10 ގެ ކުރިން ހަނިމާދޫ އާއި ކައްދޫގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ތަންތަނަށް ވެސް މަދަނީ މީހުން ގެންނަށް ދެ ގައުމު ވަނީ އެއްބަސްވެފަ އެވެ.

"ވަގުތު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ތިބުމަކީ ރައްޔިތުންނާއި ސަރުކާރުން ވެސް ގަބޫލު ކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ދިވެހިން އެ ތަކެތި އޮޕަރޭޓް ކުރަން ހަވާލުވުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"ދިވެހިން ޓްރެއިންކޮށްފައި ދިވެހިންނާ ހަވާލު ކުރުމަކީ އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާ ގޮތަކީ. އަދި އެގޮތަށް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާން ވާނެ ކަމަށް އަޅުގަނޑު ވާނީ ވަރަށް ފަހުން ފޮރިން މިނިސްޓަރާއި ކަމާބެހޭ ބޭފުޅުންނާ ވާހަކަ ދެއްކެވި އިރުގައި ވެސް ދަންނަވާފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ހިސާބަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމެވެ. އޭގެ ފަހުގައި ދިވެހިން މި އުޅަނދުތައް ދުއްވުމަށްޓަކައި ތަމްރީން ކުރަން ބޭނުންވާ ކަން އިންޑިއާ އަށް ވެސް އެންގެވި ކަމުގައި ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވި މިއީ ވަރަށް ޓެކްނިކަލް ހުނަރުތަކެއް ހުންނަން ޖެހޭ ކަމެއްވީމަ، ތިމަންނަމެންގެ މީހުން ވަގުތީ ގޮތުން ފޮނުވުން ފަސޭހަ ވާނެ ކަމަށް. އެހެންވީމަ އެގޮތުން މަދަނީ މީހުންނަށް ބަދަލު ކުރީ. އެގްރީމަންޓް ހެދިފައި އޮތީ. އެގްރީމަންޓޭ މި ދެންނެވީ ތިން ބައްދަލުވުން ބޭއްވި ލެޓާ އޮފް އެކްސްޗޭންޖްގައި ވަނީ ސޮއި ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ތިން ޕްލެޓްފޯމްގެ ތެރެއިން ދެ ޕްލެޓްފޯމްގެ ސިވިލިއަނުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އަނެއް ޕްލެޓްފޯމްގައި ތިބި ސިވިލިއަނުން ދެ އަހަރު ދުވަހު ތިބުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖުގައިވާ ގޮތުން ކައްދޫ އާއި ގަމުގައި ތިބުމަށް ހަމަޖެހިފައިވާ މަދަނީ މީހުން އަންނަ އަހަރުގެ ފެބްރުއަރީ 15 ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ އެވެ. އަދި ހަނިމާދޫގައި ތިބުމަށް ހަމަޖެހިފައިވާ މަދަނީ މީހުން ފެބްރުއަރީ 15، 2026 ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ އެވެ.