ފެން ބިލަށް މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރުމަށް ސަރުކާރުން ނިންމި ނަމަވެސް، އެ ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތައް މިއަހަރު ނިމުމުގެ ކުރިން ދައްކައި ހަލާސް ކުރާ ކަސްޓަމަރުންނަށް ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.

ސަރުކާރުން ވަނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލު ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމައިފަ އެވެ.

ސަރުކާރުގެ މިނިންމުމާ ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތައް އަންނަ މަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކައި ހަލާސް ކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެއްބަސްވުމެއްގެ ދަށުން ނުދެއްކި ހުރި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ނަމަވެސް އެފަދަ ކަސްޓަމަރުންނަށްވެސް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.