ނ. މާފަރު އެއާޕޯޓާ ގުޅުވާ، އެ ރަށުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފި އެވެ.

އައިލެންޑްއޭވިއޭޝަނުން ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ މި މަޝްރޫއަށް ދިވެހި އަދި ބޭރުގެ ކުންފުނިނަތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

މިއީ އެ ކުންފުނީގެ ހިދުމަތްތައް ހޯދާ މީހުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދީ، މާފަރު އެއާޕޯޓު އިގުތިސާދީ ގޮތުން ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އައިލެންޑްއޭވިއޭޝަނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ސިޓީ ހޮޓާ އެޅުމަށް، އެ ކުންފުންޏާއެކު މަސައްކަތް ކުރުމަށް އެދޭ ފަރާތަށް ފައިދާވާ ފަދަ ވިޔަފާރީގެ ކޮންމެ ޕްރޮޕޯސަލެއްވެސް އިތުރަށް ދިރާސާ ކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭ ކަމަށެވެ.

މި މަޝްރޫއު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ލިބިފައިވާ ތަޖުރިބާ އާއި މާލީ އަދި ހިންގުމުގެ ގާބިލުކަމަށް ބަލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 21 އެވެ. އެއާޕޯޓު ހޮޓެލް އަޅަން ނިންމާފައިވަނީ މާފަރުގެ އެއާޕޯޓު ސަރަހައްދާ ދިމާ އިރުމަތީ ގޮނޑުދޮށް ފަރާތުން ހުސްކުރާ 4،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ.

މާފަރު އެއާޕޯޓަކީ ވީއައިއޭ ފިޔަވައި އެންމެ ގިނައިން ޖެޓް ޖައްސާ އެއާޕޯޓެވެ.