އަނގަމަތީ އަޅާފައިވާ ޓޭޕު ގަނޑު ނެއްޓުނުހާ އަވަހަކަށް އިންތިހާބު ބޮއިކޮޓުކުރި ވާހަކަ އާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ރައްޔިތުންނަށް ހަގީގަތް އަދިވެސް އިތުރަށް ހާމަކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ހިތާދޫ ދާއިރާއަށް ވާދަކުރާ ޝަރީފާ ސައީދަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.
މި ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމްއަށް މިހާރު ވަމުން އަންނަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުންނެވެ. އަދި ރައީސް ޔާމީންގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ސަރުކާރުގެ އިސްވެރިން އަންނަނީ ޖަލްސާތަކުގަ އާއި ސޯޝަލް މީޑިއާގައި ރައްދުދީ ހިއްސާކުރަމުން ގެންދާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީ އަދި އެ ދެޕާޓީގެ މެމްބަރުން ބިކަކޮށް މަގުމަތިކުރާނެ ނަމަ، ސުޕްރީމް ކޯޓުގައި އޭރު އޮތް އެމަނިކުފާނުގެ ކެންޑިޑެންސީ މައްސަލައިގައި ހުކުމްކުރުމުގެ ކުރިން ޕީއެންސީއިން ކެންޑިޑޭޓަކު ދެއްކުމުގެ ފުރުސަތު ނުދެއްވީސް ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވެސް ރައްޔިތުންނަށް ކަންކަން ހާމަކުރައްވާއިރު ފެކްޓާއެކު ވާހަކަ ދެއްކެވުމަށް ރައީސް ޔާމީން އިލްތިމާސްކުރެއްވި އެވެ.
"އަބްދުއްރަހީމް އާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ހަނދާން ނެތުނީތޯ އަޅުގަނޑު އަހާލަން ބޭނުންވޭ، އަދި ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުންނަށް މިކަން އޮޅުންފިލުވައިދޭން އަޅުގަނޑު ބޭނުންވޭ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްސަލަ، އަޅުގަނޑަށް ކުރިމަތި ނުލެވޭ ގޮތަށް ސުޕްރީމު ކޯޓުން ނިންމުމުގެ ކުރިން ޕީޕީއެމް/ޕީއެންސީ އިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނީ ދައްކާފައި. އެހެންވީމާ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ؟." ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި ކުރިއަށް ވެދާނެ ގޮތްތަކާ މެދު ވިސްނަވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ވިސްނީ، އަޅުގަނޑުގެ މައްސަލަ ސުޕްރީމު ކޯޓުން ނިންމާއިރު އަޅުގަނޑުމެންނަށް އެކަށީގެންވާ މުހުލަތެއް ނެތިދާނެއޭ. އަޅުގަނޑުމެން ދެ ޕާޓީ އިން ކުރެ ޕާޓީއެއްގައި އިންތިހާބެެއް ބާއްވައިގެން ބޭފުޅަކު ދައްކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓަކު ނުދެއްކީ އެހެން ކަންތައް ކޮށްފި ނަމަ އެމަނިކުފާނުގެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް މާ ފަސޭހަވާނެތީ ކަމަށެވެ.
"އެއީ ބަހުސެއް ނެތި އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓަކަށް [އޭރުން ނުވޭ]. އަޅުގަނޑު ހަމަ ނޯޓަކުން ދެންނެވީ މި ބޭފުޅުންނަށް، މިހެން ވެދާނެޔޭ. ވަރަށް މުހުލަތު ކުޑަކޮށްއޮއްވާ، އެއްވެސް މުއްދަތެއް ނެތިި ސުޕްރީމު ކޯޓުން ނިންމަވާފާނެޔޭ. ނިންމަވާއިރު އެންމެ ދުވަހެއް ވެސް ނުލިބިދާނެޔޭ. އެހެންވީމާ މިއަށް އަޅުގަނޑުމެން ޖެހޭނެޔޭ ތައްޔާރަށް ތިބެން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ކެންޑިޑޭޓަކަށް ދެ ޕާޓީގެ މެންބަރުން ވޯޓު ލާނެކަން ވެސް ދެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރަނގަޅަށް މިކަން ނިންމިން. އެހެންވީމާ ކޮންވާހަކައެއްތޯ މި ދައްކަނީ؟ މަގުމަތިވާނެޔޭ؟ ކޮން ވާހަކައެއް މި ދައްކަނީ ބޮއިކޮޓް ކުރާ ވާހަކަ؟،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ، ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުން މަގުމައްޗެއް ނުވާނެ. އެ ދައްކަނީ ދޮގު ވާހަކަ،" ޔާމީން ވަނީ އެމަނިކުފާނު ދައްކަވާ ވާހަކައަށް ރައްދު ދެއްވާ ނަމަ، ހަގީގަތާ އެއްގޮތަށް "ފެކްޓުން" ޖަވާބު ދެއްވަން އެދިވަޑައިގެންފަ އެވެ.
މިހާރު އެމަނިކުފާނަކީ ޕީޕީއެމް މެންބަރެއް ކަމަށްނުވާތީ އެ ޕާޓީގެ ކަންތައް އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ވެރިންގެ މިޒާޖާއި އެ ބޭފުޅުން ކޮށްފައި ހުރި ކަންތައް އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު، އަޅުގަނޑު އަނގާގައި އަޅާފައި މި ހުރި މަލަންގަނޑުތައް ނައްޓާލީމާ އަޅުގަނޑަށް މި ހުރިހާ ވާހަކައެއް ދެއްކޭނެ،" ޕީޕީއެމް/ޕީއެންސީ މަގުމަތި ކުރަން އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމުމުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދި ހިސާބުން ވެސް ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން އެމަނިކުފާނަށް ނޯޓު ފޮނުވަމުން ގެންދެވި ކަމަށާ އެގޮތުން އެމަނިކުފާނު ޚިޔާރުކުރާ ނަންތަކެއް ފޮނުވުމަށް އެދުނު ކަމަށެވެ.
އެ ފުރުސަތު އޮތްއިރު ވެސް ޑިމޮކްރެސީގެ ރީތި ހަމަތައް އިސްކުރައްވާ ޕާޓީގެ ކަންކަން ނިންމަން ޕާޓީއަށް ފުރުސަތުދީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށް ނޯޓުތައް ފޮނުއްވި ކަމަށާއި އެމަނިކުފާނު އިންތިހާބު ބޮއިކޮޓުކުރަން ވިދާޅުވި ވިދާޅުވުން ވަރުވަރުން ނަގައިގެން ސަރުކާރު ދިފާއުކުރަން މަގާމުދީފައި ތިބި މީހުން ޓުވީޓުކޮށް ދައްކަމުންގެންދާއިރު އެހެން އެކަން ކުރި ނަމަ އެމަނިކުފާނުގެ މައްސަލަ ރިވިއުކުރަން ފުރުސަތު ލިބި އިންތިހާބު ވެސް ފަސްކޮށް އެތައް ރައްޔިތުންނެއް ބޭނުންވި ކެންޑިޑޭޓަށް ފުރުސަތު ލިބިގެން ދިޔައީސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަބްދުއްރަހީމާ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ހަނދާން ނެތުނީތޯ އަޅުގަޑަށް ހުކުމް އައުމުގެ ކުރިން ޕީއެންސީއިން ކެންޑިޑޭޓަކު ދެއްކި ހަނދާން. މަގުމަތިކޮށްލާނެނަމަ އެހެން އެކަން ކުރަން ފުރުސަތު ނުދިނީސް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު މިނިވަންކުރުމަށް ކުރަމުން ދިޔަ މުޒާހަރާތަކުގައި އިސް ލީޑަޝިޕުން ކަންކުރި ގޮތް ނިކަން ރަގަޅަށް އެނގިވަޑައިގަންނަވާ ކަަމަށާއި އެގޮތުން އެ މުޒާހަރާތައް ހުއްޓުވުމަށް ސީދާ ދެ ޕާޓީ ތެރެއިން އިސްވެރިން ވަނީ މަސައްކަތްކޮށްފައި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެ އަށް ވަޑައިގަތުމުން، އެ މަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރާ ކަމަށެވެ. އެ ސުވާލަށް ރައީސް މުއިއްޒު ދެއްވާ ޖަވާބަކީ "ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ" ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކަމަށް ވަންޏާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންތިހާބު ބޮއިކޮޓު ކުރުމަށް ވިދާޅުނުވާ ކަމަށާއި ބޮއިކޮޓު ކުރުމަކީ ހަމައެކަނި ފޮނުއްވި ހިޔާލެއް ކަމަށެވެ.
"..އެއީ އެހާވަރަށް ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން، ރައީސް ޔާމީނަށް ވާދަނުކުރެއްވޭ އިންތިހާބެއް ނަމަ ބޮއިކޮޓު ކުރާނަމޭ ގޮވާތީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަދިވެސް އެ މަނިކުފާނު ގަބޫލު ކުރައްވަނީ ސުޕްރީމު ކޯޓުން ނިންމީ ސިޔާސީ ނިންމުމެއް ކަމަށެވެ.