90ގެ އަހަރު ތަކުގެ ތެރޭގައި ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ވިދާލި ކާމިޔާބު ތަރިއެއް ކަމަށްވާ އަޖޭ ދޭވްގަންއަށް 55 އަހަރު ފުރިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު އަޖޭ އޭނާގެ 55 ވަނަ އުފަން ދުވަސް ފާހަގަ ކުރިއިރު އޭނާ ފާހަގަ ކުރެވެނީ ކޮންމެ ކަހަލަ ކެރެކްޓަރެއް ވިޔަސް ކުޅެން ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ.

އެގޮތުން އަޖޭގެ 30 އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ ތަފާތު އެތައް ފިލްމުތަކެއް ކުޅެދީފަ އެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން ފިލްމުތަކުގެ އިތުރުން ކޮމެޑީ ފިލްމުތައް ވެސް ހިމެނެ އެވެ.

އަޖޭގެ މަޝްހޫރު ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ޕޫލް އޯރް ކާންޓޭ"، "ދިލްވާލޭ"، އަދި "ދިލް ކިޔާ ކަރޭ" ހިމެނޭއިރު "ސިންގަމް" އާއި "ޑްރިޝްޔަމް" ފަދަ ފިލްމުތަކަކީ އޭނާގެ ކާމިޔާބު އެކްޝަން ފިލްމުތަކެވެ.

މީގެ އިތުރުން އޭނާއަކީ ކޮމެޑީ ފިލްމުތަކުން ވެސް ފާހަގަ ކުރެވުނު އެކްޓަރެކެވެ. އެގޮތުުން "ގޯލްމާލް"ގެ ފިލްމުތަކާއި "ބޯލް ބައްޗަން" ފަދަ ފިލްމުތައް ފާހަަގަ ކުރެވެ އެވެ.

ގިނަ ފިލްމުތަކެއްގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މިހާރު އަޖޭ ވަނީ ޑައިރެކްޝަންގެ ދާއިރާއަށް ވެސް ނުކުމެފަ އެވެ.