މިއަހަރުގެ ފެބްރުއަރީ މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ހިންގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ މިއަހަރުގެ ފެބްރުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އަގުތައް ވަނީ 0.45 ޕަސަންޓް އުފުލިފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު އަގުތައް ވަނީ 1.12 ޕަސަންޓް އުފުލިފަ އެވެ.
ފެބްރުއަރީ މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައި ވަނީ މޭވާ އާއި ކަރަންޓްގެ އަގުތަކުންނެވެ. މޭވާގެ އަގުތައް 7.35 ޕަސަންޓް އުފުލުނުއިރު ކަރަންޓްގެ އަގުތައް 3.92 ޕަސަންޓް އަދި ކަނޑުމަހުގެ އަގުތައް 2.30 ޕަސަންޓް އުފުލުނެވެ.
އެއްގަމު މަހުގެ އަގުތައް 3.21 ޕަސަންޓް އުފުލުނުއިރު މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގުތައް 0.72 ޕަސަންޓް އުފުލުނު ކަމަށް އެންބީސީން އާންމުކޮށްފައިވާ ސީޕީއައި ރިޕޯޓުން ދައްކަ އެވެ.
އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ އާއި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ.
ތަރުކާރީގެ އަގުތައް ފެބްރުއަރީ މަހު 2.83 ޕަސަންޓް ދަށަށް ދިޔައިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 1.60 ޕަސަންޓް ދަށަށް ދިޔަ އެވެ.
މީގެ އިތުރުން ފެބްރުއަރީ މަހު ކިރާއި ބިހުގެ އަގުތައް 1.22 ޕަސަންޓް ވަނީ ދަށަށް ގޮސްފަ އެވެ.