ކަދުރަކުން ރޯދަ ވީއްލުމަށް އިސްލާމް ދީނުގައި ވެސް ވަރަށް ބާރު އަޅުއްވާފައިވެ އެވެ. މިކަމުގައި ސިއްހީ ފައިދާތަކެއް ވެސް ވާކަން ފަހުގެ ދިރާސާތަކުން މިވަނީ ދައްކައިފަ އެވެ. އެފަދަ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ހަކުރުގެ މިންވަރު ހިފަހައްޓައިދޭ
ރޯދަ ހިފާއިރު ގިނަ ވަގުތަތަކަށް ނުކައި ހުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެ އެވެ. ކަދުރުން ރޯދަވީއްލުމަކީ ހަށިގަނޑުގައިވާ ގްލޫކޯސްގެ މިންވަރު އެދެވޭ މިންވަރެއްގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މާ ގިނައިން ކެއުމުން ރައްކާތެރިކޮށްދޭ
ރޯދަ ވީއްލާ ގަޑިއަކީ އާއްމުކޮށް ވަރަށް ގިނައިން ކާން ބޭނުންވާ ގަޑިއެކެވެ. ވާނީ ވެސް އެހެންތާ އެވެ. ސުފުރާ ފުރާލާފައި ހުންނާނީ ރަހަމީރު ބާވަތްތަކުންނެވެ. ކަދުރުގައި އެކުލެވޭ ކާބޯހައިޑްރޭޓްސްގެ ސަބަބުން ކަދުރުން ރޯދަ ވިއްލުމަށްފަހު ދެން މާ ގިނައިން ކެއުމުން ރައްކާތެރި ކޮށްދެ އެވެ.
ހަޖަމު ކުރަން ފަސޭހަ ކޮށްދޭ
ރޯދަ މަހަކީ ކެއިންބުއިމަށް ބޮޑު ބަދަލުތަކައް އަންނަ މަހަކަށް ވާއިރު އެކަމުގެ ސަބަބުން ބަނޑުހަރުވުން ފަދަ ހަޖަމުގެ މައްސަލަތައް ދިމާވެ އެވެ. އެހެން ނަމަވެސް ކަދުރަކުން ރޯދަ ވީއްލުމަކީ ގޮހޮރުގެ މަސައްކަތް ފަސޭހަ ކޮށްދީ ބަނޑު ހަރުވުމާއި ވައި ފަދަ ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދޭ ކަމެކެވެ.