ބަރަކާތްތެރި ރަމަޟާން މަސް ނިމެން ގާތްވެފައިވާއިރު މިހާރު ގިނަ މުސްލިމުން އިންތިޒާރު ކުރަމުން އަންނަނީ ކުރިއަށް ފިތުރު އީދު ދުވަހަށެވެ.
ހިޖުރީ ކަލަންޑަރުން ބަލާއިރު މި އަހަރުގެ ރޯދަ މަސް ފެށުނީ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. އެގޮތުން ބަލާއިރު އެމަހުގެ 29 ވަނަ ދުވަހަކީ މީލާދީ ގޮތުން އޭޕްރީލް 8 ވާ ހޯމަ ދުވަހެވެ.
އެހެން ކަމުން އެރޭ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން އޮންނާނެ އެވެ. އެހެން ނަމަވެސް އެރޭ ހަނދު ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމުގައި ސައިންސްވެރިން ބުނެ އެވެ.
ސަބަބަކަށްވަނީ އެ ދުވަހު ދުނިޔޭގެ އެކި ހިސާބުތަކަށް ފެންނަ އިރުކޭތަ އެކެވެ. އިރުކޭތައިގެ ހަރަކާތް ފަސް ގަޑިއިރާއި ހަ ގަޑިއިރުގެ ވަގުތަކަށް ދެމިގެންދާއިރު އޭގެ ސަބަބުން ފަލަކުން ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމުގައި ސައިންވެރިން ހާމަކުރެ އެވެ.
އެހެން ކަމުން ދުނިޔޭގެ ގިނަ ގައުމުތަކަށް ފިތުރު އީދު ވާނީ އޭޕްރީލް މަހުގެ 10 ވާ ބުދަ ދުވަހެވެ. އެއީ 30 ދުވަހުގެ ރޯދައަށް ފަހުގަ އެވެ.
ދިވެހި ކަލަންޑަރުގައި މިވަގުތު ވެސް ފިތުރު އީދު ފާހަގަ ކުރެވިފައި އޮތީ އެ ދުވަހަށެވެ. އެހެން ކަމުން ދިވެހިންނަށް މިކަމުގެ މާ ބޮޑު އަސަރެއް ނުކުރާނެ އެވެ.