ރޯދަ މަހަކީ އަހަރުމެންގެ ކެއިން ބުއިމަށް ގިނަ ބަދަލުތަކެއް އަންނަ މަހެކެވެ. މި ބަދަލުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މޭވާއަކުން ފަނި ގިރައިގެން ބުއިމަކީ އަހަރުމެންގެ އާދައެކެވެ. މިކަމުގައި ގިނަ ފައިދާތަކެއް ވެސް އެކުލެވެ އެވެ.

މޭވާއަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ބާވަތަކަށްވެފައ ގިނަ އަދަދަކަށް ފެން އެކުލެވޭތީ ރޯދަމަހު ރޯދައަށް ހުންނަ ގަޑީގައި ކަރުހިއްކުން ދުރު ކުރުމަށް އެހީވެެ އެވެ.

މޭވާތަކުގެ ތެރެއިން ޕޮޓޭސިއަމް އެންމެ ގިނައިން ހިމެނެނީ ކަދުރު، މޭބިސްކަދުރު، ދޮންކެޔޮ ފަދަ ބާވަތްތަކުގަ އެވެ. މީގެ އިތުރުން އޮރެންޖަކީ ވެސް ޕޮޓޭސިއަމް އެކުލެވޭ މޭވާތަކެވެ.

އަހަރުމެން ކެއުމުގައި މޭވާ އެންމެ ގިނައިން ބޭނުން ކުރެވެނީ ފަނި ގިރައިގެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ގޮތެއް ނުހަދައި ކޮށައިގެން ކެއުމެވެ. އެއީ އެކި ގޮތްގޮތަށް ބޭނުންކުރާއިރު އޭގައި އެކުލެވޭ ރަނގަޅު މާއްދާތަކަށް ބަދަލު އަންނާތީ އެވެ.

މީގެ އިތުރުން މޭވާ ކެއުމުގައި ދެން ސަމާލުވާންވީ މޭވާ ކާ ގަޑިއަށެވެ. ހާއްސަކޮށް ހަކުރުބަލި ތަހައްމަލް ކުރާނަމަ ރޯދަ ވީއްލާ ގަޑީގައި މޭވާ ކެއުން މުހިއްމެވެ. އެގޮތުގެ މަތިން ހަކުރުގެ މިންވަރު ހަމައަކަށް އެޅޭނެ އެވެ.

މީގެ ކުރިން ކެއުމުގައި މޭވާ ނުހިމެނޭނަމަ ކުރިއަށް މިއޮތް މަދު ދުވަސްތަކުގައި ވެސް މިކަމަކަށް ހާއްސަ ސަމާލުކަމެއް ދީގެން މޭވާ ކެއުމަކީ ކުރެވިދާނެ ކަމެކެވެ.