ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށާއި ފިތުރު އީދު ދުވަހު ދެކުނުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފަ އެވެ.

ކުއްލިއަކަށް މޫސޫން ގޯސްވާނެ ފެށިއިރު, ރާއްޖެއަށް މި އަހަރު އެންމެ ހޫނު ގަދަވާނެ ކަމަށް ކުރިން ލަފާކޮށް ފައި އޮތް ދުވަސްވަރަކީ މި ހިނގާ އެޕްރީލް މަހާއި މާރިޗް މަހެވެ. ނަމަވެސް މޫސުމާއި ބެހޭ އިދާރާއިން ހިއްސާކޮށްފައިވާ ސެޓްލައިޓު ފޮޓޯއިން ފެންނަ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މަތި ވަނީ ވިއްސާރަ ވިލާއިން ފުރާލާފަ އެވެ.

މިއަދުގެ ހެނދުނުގެ ވަގުތުގައި މާލެސިޓީ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ވެސް ވަނީ ވާރޭގެ އަސަރު ކޮށްފަ އެވެ.

އަންނަ ބުދަ ދުވަހު، އީދު ފާހަގަކުރުމަށް މުޅި ރާއްޖެ އިން ތައްޔާރުވަމުން އަންނައިރު އެ ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން ލަފާކުރާ ގޮތުގައި އީދު ދުވަހު، ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެ އެވެ.

މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 52.9 މިލިމީޓަރުގެ ވާރޭވެހުނެވެ. ގދ. ކާޑެއްދު އަށް 49 މިލިމީޓަރުގެ ވާރޭވެހުނެވެ.