ގެބޮންގެ ފޯވަޑް ޕިއޭ އެމްރިކް އޯބަމަޔަންގެ ހެޓްރިކާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް އަތުން 4-2 އިން އާސެނަލް މޮޅުވިއިރު، ވެސްޓް ބްރޮމް އާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އޯބަމަޔަންގެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އޭނާ އާސެނަލްގެ ލީޑު ފުޅާކުރިއިރު، އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ހެކްޓަރ ބެލަރިންނެވެ.
އޯބަމަޔަން ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ލަނޑުންނެވެ. މިއީ އޯބަމަޔަން ޕްރިމިއަރ ލީގުގައި ހާސިލްކުރި ފުރަތަމަ ހެޓްރިކެވެ.
ދެވަނަ ހާފުގައި ލީޑްސް އަށް ލަނޑު ޖަހައިދިނީ ޕަސްކާލް ސްޓްރުއިކާއި ހެލްޑަރ ކޮސްޓާ އެވެ.
މިއީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އާސެނަލްގެ ފުރަތަމަ 11ގައި އޯބަމަޔަންގް ކުޅުނު ފުރަތަމަ މެޗެވެ. އޯބަމަޔަންގްގެ މަންމަގެ ސިއްހީ ހާލަތު ގޯސްވުމާއެކު، މިދިޔަ މަހުގެ ފަހުކޮޅު އާސެނަލް ކުޅުނު ދެ މެޗުގައި އޭނާ ނުކުޅެ އެވެ. އޯބަމަޔަންގް ފުރަތަމަ 11ގައި ނުހިމަނައި އާސެނަލް ލީގުގައި ކުޅުނު ހަތަރު މެޗުން އެެ ޓީމަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
އޯބަމަޔަން ބުނީ އޭނާގެ މަންމަ ބަލި ހާލަތު ގޯސްވި ދަނޑިވަޅުގައި، ކްލަބުގެ ފަރާތުން އޭނާ އަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ކްލަބާއި ސަޕޯޓަރުންގެ ފަރާތުން އަހަންނަށް ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. ކްލަބާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން،" އޯބަމަޔަން ބުންޏެވެ.
ރަށުން ބޭރުގައި ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ޔުުނައިޓަޑް ފުއްދާލަން ޖެހުނީ ޕޮއިންޓަކަށެވެ. މެޗުގެ ދެވަނަ މިނިޓުގައި ވެސްޓް ބްރޮމް އިން ލީޑު ނެގީ އެމްބާޔޭ ޑިއާންގް ޖެހި ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެނިކޮށް ޔުނައިޓަޑްގެ ބްރޫނޯ ފެނާންޑޭސް ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ނަތީޖާއާއެކު، ޔުނައިޓަޑް ލަނޑުގެ ތަފާތުން ދެވަނަ އަށް އެރި ނަމަވެސް، ތާވަލްގެ އެއްވަނައިގައި އޮތް ސިޓީއާދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ޔުނައިޓަޑް ވަނީ ސިޓީ އަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ސައުތުހެމްޓަން އަތުން 2-1 އިން ވުލްވްސް ވަނީ މޮޅުވެފަ އެވެ. އަދި ރަށުން ބޭރުގައި ފުލަމް ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. – ބީބީސީ