ބަރަކާތްތެރި ފިތުރު އީދު ދުވަސް އިއްޔެ ފާހަގަކޮށް ނިމުނުއިރު ވެރިރަށް މާލެއަށް މިފަހަރު އައީ އެހެން އަހަރުތަކާ މުޅިން ތަފާތު އީދެކެވެ.
އެހެން އަހަރުތަކުގައި މާލޭގައި އީދުތަކާ ދިމާކޮށް މާ ގިނަ ހަރަކާތްތަކެއް ނޯވެ އެވެ. ހާއްސަކޮށް ދިވެހި ސަގާފަތް ދައްކުވައިދޭ ކަންކަން މާލެއިން ފެނުން މަދެވެ.
އެހެން ނަމަވެސް މި އީދުގައި މާލެ ސަރަހައްދުގައި ވެސް އީދާ ގުޅިގެން ދިވެހިވަންތަ ގިނަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ދުވަސް ފެށިގެން އައީ އީދު ކުލަ ޖެހުމާއި ފެން ޖެހުމުންނެވެ. މާލޭގެ ރަސްފަންނު ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އާއްމުން އެއްވެ މި ހަރަކާތުގައި ބައިވެރިވި އެވެ.
އެއާއެކު ދެން ސަގާފީ ކަމަކަށް ފެނުނީ މާލޭގެ މަޖީދީ މަގުގައި އޮތް ބޮޑު މަސް ބޭނުމާއި މާލި ނެށުމުގެ ހަރަކާތެވެ. އެ ހަރަކާތް ބަލާލަން ވެސް ކުދިބޮޑު އެތައް ބަޔަކު މަޖީދީމަގުގެ އެކި ހިސާބުތަކަށް އެއްވެފައި ތިއްބެވެ.
އޭގެ ފަހުން ރޭގެ ވަގުތެއްގައި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ކުރިއަށް ދިޔަ އެވެ. މިއީ މިހާރަކަށް އައިސް ކޮންމެ އީދެއްގައި ވެސް މާލޭގައި ކުރާ ކަމެކެވެ.