ވެރިކަމުގައި ތިބޭ ބަޔަކަށް އަބަދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނާކަށް ނުޖެހޭ ކަމަށާއި މެޖޯރިޓީއާ ނުލައިވެސް ވެރިކަން ކުރެވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ)ގެ ކެމްޕޭން އިވެންޓްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ތިބޭއިރު ތިމަންނަމެންނަށް މެޖޯރިޓީ ނެތި މިވެނިކަމެއް ނުކުރެވޭނޭ ބުނާ ބުނުމަކީ ޑިމޮކްރަސީގައި ދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ އެކަން އޮންނަ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެހެން ވެރިކަމުގައި ތިބޭ ބަޔަކަށް އަބަދު މަޖިލީހުގެ މެޖޯރިޓީ އޮންނާކަށް ނުޖެހޭ. ނެތަސް ވެރިކަން ކުރެވެން ޖެހޭނެ. އެއީ ތިން ބާރު ވަކިވެފައިވާ މި ނިޒާމަކީ،" ދޫޑިގަމު އަވަށު އެމްޑީޕީ ޖަގަހައިގައި ވާހަކަދައްކަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި މަސައްކަތްކުރާ ގޮތާ މެދު ވިސްނައި މި ސަރުކާރު ހަމަމަގަމަށް އެޅުވުމަށް ޒާމާނީ އަދި ދިވެހިން ބޭނުންވާ ޑިމޮކްރެޓިކް ނިޒާމް ރާއްޖޭގައި ހަރުލެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުންވާ ކަމަށެވެ.
"އެތަނުގައި [މަޖިލީހުގައި] އަޅުގަނޑުމެން މެމްބަރުން ތަމްސީލްކުރާނީ ހަމައެކަނި އެމްޑީޕީއެއް ނޫން. އެ ދާއިރާގެ ހުރިހާ ރައްޔިތުން ތަމްސީލް ކުރާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ އިސް މުޝީރުގެ މަގާމުގައި ހުންނެވި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު "ހަމަމަގުން ނެއްޓިއްޖެ" ކަމަށެވެ. އަދި މިކަން ހަމަމަގަށް އަޅުވަން ޖެހިއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ހޯދަން މިއުޅެނީކީ ކޮންމެހެން މިހާރު މިއޮތް ސަރުކާރަށް ޖެއްސުން ކުރާކަށް ނޫން. ކަންތައްތައް ކުރުވަން މިއުޅެނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިރަށަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިރަށުގެ އެއާޕޯޓު ބޮޑުކުރުން ފަދަ ވައުދުތައް ފުއްދުމަށް އެ ޕާޓީގެ ތާއީދު ލިބޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެކަން ނުކުރަންޏާ ނުކުރަނީ ކީއްވެެގެންތޯ ސުވާލުކޮށް އެކަން އަވަސްކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވެސް އަޅުގަނޑުމެން ކުރާނަން. އެމްޑީޕީ އަބަދުވެސް އަންނަނީ ވެރިކަމުގައި ތިއްބަސް އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބަސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތްކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.