ރޭ އަލިފާންރޯވި މ. ރަބީއުވިލާ ގެ ތަޅާލުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ޕަބްލިކް ވާކްސް މިނިސްޓަރު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެ އަލިފާނުގެ ހާދިސާ ހިނގީ ކެނެރީމަގުގައި ހުންނަ ރަބީއުވިލާގޭ ހަތަރު ވަނަ ފަންގިފިލާގަ އެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެތަނުގެ ތެރޭގައި މީހުން ގާނޫނާ ހިލާފް ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.

މިނިސްޓަރު އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ގެއަކީ މީހުން ދިރިނޫޅޭތާ ގިނަދުވަސް ވެފައިވާ، ބޮލަށްވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރަބީއުވިލާގައި ހިނގި އަލިފާނުގެ ހާދިސާ ގައި އެގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެގެ ހިމެނޭ ކެނެރީ މަގުވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކޮށްފައިވާ ކަން ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.