އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ތިން ވަނަ ސީޒަން ފަށަން ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ބިގްބޮސް 17" ނިމުމާއެކު "ބިގްބޮސް އޯޓީޓީ"ގެ ތިން ވަނަ ސީޒަން ގެނެސްދިޔުމަށް މިޝޯ އުފައްދާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހު މިޝޯ ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ބިގްބޮސް އޯޓީޓީ 3"ވެސް ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ބިގްބޮސް އެންމެ ގިނައި ހުށައަޅައިދިން ފަންނާނު ކަމަށްވާ ސަލްމާން ޚާނެވެ.

ޖިއޯ ސިނަމާގައި ދައްކާ "ބިގްބޮސް އޯޓީޓީ 3" ވެސް އެހެން ސީޒަންތަކާ އެގޮތަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ

މިފަހަރުގެ ސީޒަންގައި ވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ޓީވީ އެކްޓަރު ޝެހްޒާދާ ދާމީ އާއި ހަތުރޯން ކޭ ކިޅާލީ 12 އިން ފެނިގެންދިޔަ ޓީވީ އެކްޓަރު ޝީޒާން ޚާން އާއި ބިގްބޮސް 16 ގައި ބައިވެރިވި އެކްޓަރު ޝާލިން ބަނޮޠްގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އާއި ބިގްބޮސް 17 ގައި ބައިވެރިވި ޓީވީ އެކްޓްރެސް އިޝާ މަލްވިޔާ އާއި ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދްރާ އަދި މަޝްހޫރު ޔޫޓިއުބާ މަހޭޝް ކެޝްވާލާގެ އިތުރުން ޓީވީ އެކްޓްރެސް ޕްރަތިކްޝާ އެވެ.

ބިގްބޮސް އޯޓީޓީ 3 ގައި ބައިވެރިވާ ބައެއް ތަރިން...

މިއަހަރުގެ ޖެނުއަރީގައި ނިންމާލި "ބިގްބޮސް 17" ކާމިޔާބު ކުރީ ސްޓޭންޑް-އަޕް ކޮމީޑިއަނެއް ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މުނައްވަރު ފާރޫގީ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ބިގްބޮސް އޯޓީޓީ 2" ކާމިޔާބު ކޮށްފައި ވަނީ ޔޫޓިއުބާ އެލްވިޝް ޔާދަވް އެވެ. "ބިގްބޮސް އޯޓީޓީ 1" ކާމިޔާބު ކުރީ ޓީވީ އެކްޓަރެސް ދިވްޔާ އަގަރްވާލް އެވެ.