ބޮލީވުޑްގައި އަދިވެސް ތަރިންގެ މެދުގައި ޖިންސީ ތަފާތުކުރުން ވަރަށް ބޮޑަށް އެބައޮތް ކަމަށް މަޝްހޫރު އެކްޓްރެސް ވިދްޔާ ބާލަން ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނީ އަދިވެސް ފިލްމުތަކުގެ ލީޑު ރޯލުތައް އަންހެން ތަރިންނަށް ދޭން ޕްރޮޑިއުސަރުން ފަސްޖެހޭ ކަމަށެވެ.

އެއާއެކު ފިލްމެއްގެ ލީޑު ރޯލަށް އަންހެން ތަރިއަކު ހަމަޖައްސައިފިނަމަ ދެން އަންނަ ފިރިހެން ސަޕޯޓިން އެކްޓަރުންނަށް އެކަން އެހާ ކަމުނުދާ ކަމަށް ވެސް ވިދްޔާ ބުންޏެވެ.

"އަންހެން ތަރިންނަށް ސްޓޭޖްގެ މެދު (ލީޑް ރޯލް) ދޭން ޖެހުނީމަ ފިރިހެން ތަރިން ވަރަށް ހާސްވެ ބިރުގަންނަ ގޮތްވޭ" ވިދްޔާ ބުންޏެވެ.

ބޮލީވުޑްގައި "ފީމޭލް ސެންޓާޑް" ނުވަތަ އަންހެނުން ލީޑު ރޯލުތަކުގައި އުޅޭ ފިލްމުތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ.

ވިދްޔާއަކީ ވެސް އެފަދަ ބައެއް ފިލްމުތަކުގެ ލީޑުރޯލުން ފެނުނު ތަރި އެކެވެ. އެގޮތުން އޭނާގެ ފިލްމު "ކަހާނީ" އަދި "ޕަރިނީތާ" ފަދަ ފިލްމުތަކަކީ ފީމޭލް ސެންޓާޑް ފިލްމުތަކެކެވެ.