އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު އެވެ. ކޮންސްޓަރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމު މުހައްމަދު އެވެ.
އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ސ. ހިތަދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީ އާއި އެކު ޖުމްލަ ހަ ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100 ސޯލާ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ށ. ހުޅުމީދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ދެ ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާ އަދި kW75 ސޯލާ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެ އެވެ. އަދި ހިތަދޫ އާއި ހުޅުމީދު އަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ށ. މަރަދޫ، ށ. މަރަދޫ-ފޭދޫ އަދި ށ. ފޭދޫގައި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ޖުމްލަ ދެ ތާންގީ ބެހެއްޓުން ހިމެނެ އެވެ. އަދި ހަމަ މިޔާއި އެކު، މި މަޝްރޫޢުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާ އަދި ސްޕެއާ ފޯރުކޮށްދިނުމާ ވެސް ހިމެނެ އެވެ.
އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާ އެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.