އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ތިން ވަނަ ސީޒަން މި އަހަރު ނުގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ބިގްބޮސް އޯޓީޓީ 3" ތައްޔާރުވި ނަމަވެސް މި އަހަރު ބިގްބޮސް އޯޓީޓީ ތިން ވަނަ ސީޒަން ނުގެނެސްދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބިގްބޮސް އޯޓީޓީ ނުގެނެސްދިނުމަށް ޝޯ އުފައްދާ ފަރާތުން ނިންމީ މި އަހަރުގެ ޖެނުއަރީ މަހު ނިންމާލި ބިގްބޮސް ސީޒަން 17 އާ ދެމެދު އޯޓީޓީ ޝޯ ފަށާ ތާރީހާ ދެމެދު މުއްދަތު ކުޑަވުމާ ގުޅިގެންނެވެ. މީގެ ކުރިން މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިގްބޮސް އޯޓީޓީ ސީޒަން 3 ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ބިގް ބޮސް އޯޓީޓީގެ ކުރީގެ ސީޒަންތަކުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އޯޓީޓީ ވާޝަން ތައާރަފް ކުރީ އަސްލު ރިއަލިޓީ ޝޯގެ ފިލްޓާ ނުކުރެވޭ ވާޝަނެއްގެ ގޮތުގަ އެވެ. އަމާޒަކީ ސޯޝަލް މީޑިއާ ޖީލާއި، އިންފްލޫއެންސަރުންނާއި، ބްލޮގަރުންނާއި، ނިއުސް މެކެރުންނާ ގުޅޭ މަޝްހޫރު ފަރާތްތައް އޯޓީޓީ ޝޯއަށް ގެނައުމެވެ.

ބިގް ބޮސް އޯޓީޓީ ސީޒަން 1 ދައްކާފައިވަނީ ވޫޓް އިންނެވެ. ކަރަން ޖޯހަރު ޝޯ ހޯސްޓް ކުރިއިރު، އެ ޝޯ ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ. ސީޒަން 2 ގައި ބޮޑަށް ފޯކަސްކޮށްފައިވަނީ އޯޓީޓީ އަށް ކަމަށާއި، ޔޫޓިއުބަރުންނާއި ސޯޝަލް މީޑިއާގެ ތަރިން ބައިވެރިވި އެވެ. ޖިއޯ ސިނަމާއިން އެކްސްކްލޫސިވްކޮށް ދައްކާފައިވާ މި ޝޯ ހޯސްޓް ކުރީ ސަލްމާން ޚާން އެވެ. އެއްވަނަ ހޯދި ޔޫޓިއުބަރެއް ކަމަށްވާ އެލްވިޝް ޔާދާވް އެވެ.