މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ސާފުކޮށްދިނުމަށް އާންމުންގެ ފަރާތުން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.

އެ ކުންފުންޏަކީ ޗާންދަނީ އިސްމާއިލް ޝުޖާއުގެ ދަރިފުޅު މުހައްމަދު ޒާޖީ އިސްލާއީލްގެ ވިޔާފާރިއެކެވެ. އޭނާ އަކީ މޯލްޑިވްސް ވޭވްގެ ނަމުގައި ރާއްޖޭގެ އަމިއްލަ ގަޑި ބްރޭންޑެއް ތައާރަފްކޮށް ހިންގާ މީހެކެވެ.

މި މައްސަލަ ފެންމަތިވުމުން ޒާޖީ ވަނީ ރާއްޖެ ދޫކޮށް ފިލައިފަ އެވެ.

އެހެންވެ ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކަވާފައިވާ ފަރާތެއްވާ ނަމަ އެކަން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން އެދިފައިވެ އެވެ.

ކާރު ފަދަ ވެހިކަލްތައް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ލަނޑުތައް ލިބިގެން އެފަދަ ވާހަކަތައް ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާކަން ފާހަގަކުރެވެ އެވެ.