ފ. މަގޫދޫގެ އެއާޕޯޓުގެ މަޝްރޫއު ވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއް ވިޔަސް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މަގޫދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އާ އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއާޕޯޓްގެ މަޝްރޫއު ވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއް ވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި އެކަންކަމުގެ އިތުރުން ވެސް ތަރައްޤީގެ މަޝްރޫއުތައް އެ ރަށުގައި ހިންގަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.