އަޑުތައް އިވޭގޮތުގައި އެންޓި ޑިފެކްޝަން ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރެއްވީ އިންތިހާބަށްފަހު މަޖިލިސް މެމްބަރުން ގަންނަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު ޕާޓީ ދޫކޮށްލާ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީޕީން ގާނޫނެއް ވުޖޫދު ކުރަން ނިންމީ ރައްޔިތުންގެ ވެސް ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ.

"އެކަން ކަށަވަރު ކުރުމަށް މަޖިލީހުގެ ތެރެއިން އެންޓިޑިފެކްޝަން ގާނޫނު، އެއީ އިންތިހާބުވުމަށްފަހުގައި އެމީހަކު އިންތިހާބުވާ ދާއިރާއިން، އެ އިންތިހާބުވި ޕާޓީއެއް ދޫކޮށްފައި ދާކަމުގައިވާނަމަ އެ ގޮނޑި ދޫކޮށްލަންޖެހޭނެކަމަށް ގާނޫނުގައި ވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ގާނޫނީ ހައްލެއް މި ގެނެވެނީ. އެހެންނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމަކީ، މާދަމާ ނޫން އަނެއް ދުވަހު ތަސްދީގުކުރަންޖެހޭ މުއްދަތު ހަމަވާނެ. ރައީސްގެ މޭޒުކޮޅުމަތީގައި ބިލު އޮތީ. އަޅުގަނޑަކަށް ނުފެނޭ ތަސްދީގުކުރާތަނެއް. އަޅުގަނޑުމެންނަށް ތުންތުންމަތިން އަޑުއިވެނީ، އެބޭފުޅުންގެ އެއްސިޔާސަތަކީ އިންތިހާބުވީމަ އެހެން ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ގަންނަން އުޅޭ ވާހަކަ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލިޔަސް އަނެއްކާވެސް އެ ބިލް ފާސްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީން ކުރާނެ ކަމަށެވެ.

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާއަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.