"ޖަޒީރާ" ޓެލެގްރާމް ގްރޫޕު މެދުވެރިކޮށް ހަށިވިއްކުން ފަދަ ޖަރީމާތައް ހިންގި މައްސަލައިގައި، އެކަމަށް އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށްވި ޖަޒީރާ ގްރޫޕުތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ، އެ ގްރޫޕުތައް މެދުވެރިކޮށް ހަށިވިއްކަން މީހުން އުފުލުމަށް ބޭނުންކުރި ޓެކްސީގެ ޑްރައިވަރެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގުކޮށް، އެ ގްރޫޕުތައް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މަހު ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި ހަށިވިއްކުން މަގު ފަހި ކުރުމަށް ވަކި ޓެކްސީއެއް ގެންގުޅުނު ކަމަށެވެ. އަދި ހަށިވިއްކުން މަގުފަހިކުރުމަށް ގާތްގަނޑަކަށް އެއްއަހަރު ވަންދެން ވަކި ޚާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި އަދި ވެސް ގިނަ ފަރާތެއްގެ އެކައުންޓުތައް ބަލަމުންދާތީ، އެ އަށް ވަގުތުތަކެއް ނަގާނެ ކަމުގައި ވާތީ، އެ ހުރިހާ ފަރާތެއްގެ އެކައުންޓު ތަފްސީލު މި ވަގުތު އަޅުގަނޑުމެންނަށް ދެވެން ނެތް،" އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އާމިނަތު ވިދާޅުވި އެވެ.
އެ ޓެލެގްރާމް ގްރޫޕުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ފުލުހުން ބުނިގޮތުގައި ޖަޒީރާގެ ޗެނަލްތަކުން ހިދުމަތް ހޯދަން އެ ތަންތަނަށް ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު މެސެޖު ކުރެ އެވެ. އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.