ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އާ މަގާމުތަކުގެ ހުވާކުރައްވައިފި އެވެ.
ތިނަދޫ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުރު ހަމަނުވަނީސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށު ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވާނެ އެވެ. ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މެންބަރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުންގެ ހުވާ ކުރެއްވީ ރޭ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ސިޓީ ކައުންސިލުގެ މެންބަރުންނަށް ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ނަޝާތަތު ޒައީމެވެ.
ތިނަދޫ ސިޓީ ކައުންސިލް މެންބަރުން:
ސައުދު އަލީ: މޭޔަރު
ނަސްރުﷲ އަލީ: ޑެޕިއުޓީ މޭޔަރު
އަހުމަދު ވަހީދު: ސިޓީ ކައުންސިލް މެންބަރު
މުހައްމަދު ޒަލީފް އަބްދުﷲ: ސިޓީ ކައުންސިލް މެންބަރު
އަހުމީމާ އަހުމަދު: ސިޓީ ކައުންސިލް މެންބަރު
އާމިނަތު ނަސީމާ: ސިޓީ ކައުންސިލް މެންބަރު
އައިޝަތު ލިއުޝާ ޒުބައިރު: ސިޓީ ކައުންސިލް މެންބަރު
ސިޓީ ކައުންސިލްގެ މޭޔަރު އަދި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ އާ މަގާމުތަކުގެ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ.
ތިނަދުއާ އެކީ މިހާރު ރާއްޖޭގެ ސިޓީތަކަކީ މާލެ، އައްޑޫ، ކުޅުދުއްފުށި އަދި ފުވައްލެކެވެ.