އިއްޔެ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީ އަށް އެންމެ ދަށް ނަތީޖާއެއް ލިބުނު އެއް ދާއިރާގެ ތެރޭގައި، އެ ޕާޓީ އަށް ކުރިން ތާއީދު ބޮޑު މާފުށި ދާއިރާ ހިމެނިއްޖެ އެވެ.
ތިން ކެންޑިޑޭޓުން ވާދަކުރި މާފުށި ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި މުހައްމަދު ލުތުފީ އަށް މާފުށި އަދި ގުރައިދޫ ހިމެނޭ ދާއިރާ އިން ލިބިފައި ވަނީ އެންމެ 85 ވޯޓެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީއެންސީން ވާދަކުރި ހުސައިން ރިޒާ އަހުމަދެވެ. އޭނާ އަށް 1309 ވޯޓު ލިބުނު ކަމަށް މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކަ އެވެ. ދެ ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ މުހައްމަދު މުސްތަފާ އަށް ލިބިފައި ވަނީ 475 ވޯޓެވެ.
މިދިޔަ އަހަރު ބޭއްވި ބައި އިލެކްޝަންގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީންނެވެ. މި ފަހަރު ހޮވުނު ހުސައިން ރިޒާއާ ވާދަކޮށް އެފަހަރު ގޮނޑި ނެގީ އިބްރާހިމް ޝާޒެވެ. އޭނާ އަށް 1340 ވޯޓު ލިބުނު އިރު ރިޒާ އަށް ލިބުނީ 1226 ވޯޓެވެ. މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން އެ ދާއިރާގެ ގޮނޑި އެއް އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ޝާޒް ދާދި ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މި ފަހަރު އިންތިޚާބުވި ހުސައިން ރިޒާ އަކީ ކުރީގެ މެންބަރު ރިޒާގެ ކޮއްކޮއެކެވެ.
ދާއިރާގައި ހިމެނޭ މައި ރަށް ކަމަށްވާ މާފުއްޓަކީ އެމްޑީޕީގެ ތާއީދު އާދަޔާޚިލާފަށް ކުރިން ބޮޑު ރަށެކެވެ. މާލެ އަތޮޅުގެ އެހެން ރަށްތަކުގައި ޕީއެންސީގެ ތާއީދު ބޮޑު ނަމަވެސް މާފުށި ތަފާތެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ވަނީ މާފުށީގައި ގެސްޓް ހައުސް ވިޔަފާރި ތައާރަފް ކުރައްވައިފަ އެވެ. ނަތީޖާ އަކީ ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ރަށަކީ މާފުއްޓަށްވެ އެ ރަށަށް ތަނަސްކަން ލިބުމެވެ. ރާއްޖޭގެ ބިމުގެ އަޑު އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި މާފުށި ހިމެނެ އެވެ.
އެހެންވެ ބެލެވެނީ މާފުށީގައި އެމްޑީޕީ އަށް ވުރެ ބޮޑަށް ތާއީދު އޮތީ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އަށް ކަމަށެވެ. މާފުށިން އެމްޑީޕީ މި ފަހަރު ދަށަށް ދިޔައީ އެ ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.