ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރި މެންބަރުން ހުވާކުރުން އަންނަ މަހު 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އާ މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ މަސައްކަތްތައް މިހާރު މަޖިލީހުން ފަށްޓަވައިގެން ކުރިއަށްގެންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ އެވެ. އެހެންވެ، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ތާރީހާ ހަމައަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށްދަވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެހެން ކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަދި 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ، 13 މެއި 2024ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

މަޖިލީހުގެ ސުޕަ މެޖޯރިޓީ އަކީ 93 މެމްބަރުންގެ ތެރެއިން ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ވޯޓެވެ. ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ލިބެނީ އެ ޕާޓީގެ ސީދާ ޓިކެޓްގައި ވާދަކޮށްގެން ކާމިޔާބު ކުރި 66 ގޮނޑި އާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ދެ ގޮނޑި އާއި ސަރުކާރުން ޖޭޕީގެ ގޮނޑި އާއި އެންޑޯޒްކޮށްގެން އަމިއްލަ ގޮތުން ވާދަކުރެއްވި ހަތަރު ބޭފުޅަކު ހޯއްދެވި ގޮނޑިއާ އެކު ޖުމްލަ 74 ގޮނޑިއާ އެކު އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، މަޖިލީހަށް އިންތިހާބުކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުންވަނީ 70 ގޮނޑި އެވެ.

އެ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށްގެން، ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި އެމްޑީޕީން 65 ދާއިރާއެއް ކާމިޔާބުކުރިޔަސް އެތައް އަހަރެއް ވަންދެން އެ ޕާޓީ ތަމްސީލުކުރި މެމްބަރުންނަށް މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބުވީ އެވެ.