ބޮލީވުޑް އެކްޓްރެސް ޖާންވީ ކަޕޫރު އާއި ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން ތިނެސްކަން ލޯބީގެ ފިލްމަކުން ފެނިގެންދާނެ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފި އެވެ.

މިފިލްމަކީ އިބްރާހިމް ކުޅޭނެ ތިން ވަނަ ފިލްމެވެ. އިބްރާހިމް ބޮލީވުޑަށް ނުކުންނަނީ ބޮލީވުޑް ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ދަރްމާ" ޕްރޮޑަކްޝަން އިން އުފައްދާ އަދި ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒާ އިރާނީ ޑައިރެކްޓްކުރާ ފިލްމަކުންނެވެ. އެއީ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ވަތަނީ ފިލްމު "ސަރުޒަމީން" އިންނެވެ.

މި ފިލްމު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް އިރު، ދާދި ފަހުން އިބްރާހިމް ވަނީ ދަރުމާ އެހެން ފިލްމެއް ވެސް ނިންމައިފަ އެވެ. އެއީ އާ ޑައިރެކްޓަރު ޝައުނާ ގޯތަމްގެ "ނާދާނިޔާން" އެވެ. މި ފިލްމުގެ ބަތަލާ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ހަގު ދަރުފުޅު ހުޝީ ކަޕޫރެވެ.

ހުޝީ އާއެކު ފިލްމެއްގެ މަސައްކަތް ނިންމާލުމަށްފަހު އިބްރާހިމް މިވަނީ އޭނާގެ ދައްތަ ޖާންވީ ކަޕޫރާއެކު ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފަ އެވެ. މިފިލްމުގައި އިބްރާހިމް އާއި ޖާންވީގެ އިތުރުން މަހީމާ މަކްވާނާ ފެންނާނެ އެވެ. އަދި އަންނަ އަހަރު މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނީ އެ ފިލްމުގައި ގެނެސްދޭނީ ތިނެސްކަން ލޯބީގެ ވާހަކައެއް ކަމަށެވެ. ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަން އަދި ނޭނގޭ ކަމަށް ބުންޏެވެ.

އަންނަ އަހަރު ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ދަރްމާ ޕްރޮޑަކްޝަން އާއި މެޑޮކް ގުޅިގެންނެވެ.