މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ކެމްޕެއިނަށް އެކި ސަރަހައްދުތަކުގައި ހަރުކުރި ބިލްބޯޑުތަކާއި ޕޯސްޓަރު އަދި ބެނާ ފަދަ ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ އިންތިހާބުގެ އާންމު އުސޫލު އޮންނަ ގޮތުން އިންތިހާބު ނިމި 10 ދުވަސްތެރޭގައި ކެންޑިޑޭޓުން ކެމްޕޭނަށް ހަރުކުރި ބެނާތަކާއި ޕޯސްޓަރުތަކާއި އަދި އެ ނޫން ވެސް ތަކެތި ނަގަން ޖެހޭ ކަމަށެވެ. އެގޮތުން އެ ތަކެތި ނެގުމަށް މިހާރު އަންގާފައި ވާއިރު، ހާއްސަކޮށް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހުރި ތަކެތި ނެގުމަށް އިސްކަމެއް ދިނުމަށް އެދިފައިވާނެ ކަމަށް ވެސް އީސީން ބުނެ އެވެ.

އީސީން ބުނީ ބައެއް ފަރާތްތަކުން މިހާރު އެ މަސައްކަތް ފަށާފައި ވާކަމަށެވެ. ނަމަވެސް ދީފައިވާ މުއްދަތުގެ ތެރޭގައި އާންމު ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި ބެނާތަކާއި ޕޯސްޓަރުތައް ނުނަގައިފި ނަމަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ތަކެތި ނެގުމުގެ މަސައްކަތް އީސީއިން ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގިނަ އަދަދެއްގެ ޕޯސްޓަރުތަކާއި ބޯޑުތައް ހަރުކޮށްފައި އެބަހުއްޓެވެ.

ކެމްޕޭނަށް ހަރުކުރާ ޕޯސްޓަރުތަކާއި ބެނާތައް ނުނަގާ މައްސަލަ މީގެ ކުރިންވެސް ވަނީ ކުރިމަތިވެފަ އެވެ. މި ކަމުގެ ސަބަބުން އާންމުނަށް އެކަމުގެ އުނދަގޫތަކާ މަދުން ނަމަވެސް ކުރިމަތިލާން ޖެހެ އެވެ.