މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން ޗިކުންގުންޔާ 59 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ބައްޔަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހު އެކަނިވެސް ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިހާތަނަށް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށާއި އެފަދަ މަދިރިން ސަލަމާތްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް ހަލީލް ވިދާޅުވި އެވެ.
ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގަ އެވެ.
ޗިކުންގުންޏާގެ އަލާމާތްތައް:
- 39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން
- ގަދައަށް ބޮލާއި ގައިގައި ރިއްސުން
- ހުޅުހުޅުގައި ރިއްސުން
- ހުޅުހުޅު ދުޅަވުން
- ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
- ގައިގައި ރަތް ބިހިތަކެއް ނެގުން
ހެލްތު ޕްރޮޓެކްޝަންސް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށެވެ.
ބަލިން ރައްކާތެރިވުމަށް ބަލި ފަތުރާ މަދިރި އާލާވާ ތަންތަން ސާފުކޮށް ބެލެހެއްޓުން ވަރަށް މުހިއްމެވެ. އެގޮތުން ހާމައަށް ފެން ހަރުލާފައި ހުންނަ އެއްޗެހިން ފެން ހުސްކޮށް މަދިރިފަނި ނައްތާލުން އަދި ހެނދުނާއި ހަވީރު މަދިރި އެންމެ ގިނަ ވާ ވަގުތު ވީހާވެސް ނިވާކަން ބޮޑުކޮށް ފޭރާން އެޅުމަށް ސަމާލުކަން ދީ މަދިރި ސްޕްރޭ ނުވަތަ ލޯޝަން ބޭނުން ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއްކަމުން މަދިރި ގިނަވެ ޗިކަންގުންޔާ އަދި ޑެންގޫ ފެތުރުމަކީ އާންމުކަމެކެވެ.