އިންޑިއާގެ ޓީވީ އިންޑަސްޓްރީ ކުރިއަރަމުން އަންނަ ގޮތަށާއި ދުވެއްޔަށް ބަލާ އިރު، މި އިންޑަސްޓްރީއަކީ މިހާރު ބޮލީވުޑަށް ވަކި ދޫކުރާނެ ދާއިރާއެއް ނޫނެވެ. އެގޮތުން އިންޑިއާގެ އެކި ޗެނަލްތަކުން ގެނެސްދޭ ރިއަލިޓީ ޝޯތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޝޯތަކެކެވެ. އަދި މި ޝޯތައް ހުށަހަޅައިދޭ ފަންނާނުންނަކީ ބޮލީވުޑްގައި މަޝްހޫރު ތަރިންނެވެ.
އެގޮތުން ޓީވީތަކުން ގެނެސްދޭ ޝޯތައް ހުށަހަޅައިދޭ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ސަލްމާން ޚާން، އަމީތާބް ބަޗަން އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެ އެވެ.
މި ފަންނާނުން ލައްވާ ޝޯ ހުށަހަޅައިދިނުމަށް ޝޯ އުފައްދާ ފަރާތްތައް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދެ އެވެ. އެގޮތުން ސްޕޮންސާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބެ އެވެ. ބޮލީވުޑް ފިލްމެއް އުފައްދައިގެން ލިބޭ ފައިދާއަށް ވުރެން ޝޯއެއް އުފައްދައިގެން ލިބޭ ފައިދާ ބޮޑެވެ.
ކޮންމެ އަހަރަކުވެސް އިންޑިއާގެ އެކި ޗެނަލްތަކުން ތަފާތު ރިއަލިޓީ ޝޯތައް ގެނެސްދެ އެވެ. އެގޮތުން މިއަހަރު ވެސް ގިނަ ރިއަލިޓީ ޝޯތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
މިހާ ހިސާބުން މި ބަލައިލަނީ އިންޑިއާގެ އެންމެ ބޮޑު ފީއެއް ނަގާ ޝޯ ހުށަހަޅައިދޭ ފަންނާނުންނަށެވެ.
މި ލިސްޓްގެ އެއްވަނާގައި އޮތީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނެވެ. މި އަހަރު ޖެނުއަރީގައި ނިންމާލި ބިގްބޮސް 17 އިން ސަލްމާން ވަނީ އެޕިސޯޑަކަށް 12 ކްރޯޑް ރުޕީސް ނަގައިފަ އެވެ. ކުރިއަށް އޮތް "ބިގްބޮސް އޯޓީޓީ 3" އަދި "ބިގްބޮސް 18" ހުށަހަޅައިދިނުމުގެ އަގު ބޮޑު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ލިސްޓްގެ ދެ ވަނާގައި އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރުމާ ހިމެނިގެންދާއިރު މިހާރު ނެޓްފްލިކްސްއިން އަންނަނީ ކަޕިލްގެ އާ ޝޯއެއް ގެނެސްދެމުންނެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެ އެޕިސޯޑަކަށް ފަސް ކްރޯޑް ރުޕީސް ލިބެ އެވެ. އޭނާ އަކީ އިންޑިއާގެ ޓީވީގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ހޯސްޓެވެ.
ކަޕިލަށް ފަހު މި ލިސްޓްގައި ދެން ހިމެނެނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބަޗަން އެވެ. އަމީތާބް ހުށަހަޅައިދޭ ސުވާލާއި ޖަވާބު ރިއަލިޓީ ޝޯ "ކޯނު ބަނޭގާ ކްރޯޑްޕަތީ" 16 ވަނަ ސީޒަންގެ އެ ޕިސޯޑަކަށް އަމީތާބު ވަނީ 25 ލައްކަ ރުފީސް ނަގައިފަ އެވެ.
މި ލިސްޓްގެ ހަތަރު ވަނާގައި ހިމެނެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ. ކަރަން ގެނެސްދޭ ރިއަލިޓީ ޝޯ އަކީ "ކޮފީ ވިތު ކަރަން" އެވެ. މި ޝޯގެ އެޕިސޯޑަކަށް ކަރަން ދެ ކްރޯޑް ރުޕީސް ނަގަ އެވެ.
ފަސް ވަނާގައި ހިމެނެނީ ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. އޭނާ ގެނެސްދޭ "ހަތުރޯކީ ކިލާޅީ"ގެ އެޕިސޯޑަށް 50 ލައްކަ ރުފީސް ނަގަ އެވެ.